ސާވިސްޗާޖް ނުދޭތީ ހޮލިޑޭގެ ބައެއް މުވައްޒަފުން ވަޒީފާއަށް ނުކުތުން ހުއްޓާލައިފި

ހޮލިޑޭ އައިލެންޑް ރިސޯޓް: ފޮޓޯ/ ގޫގަލް

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިލާ ހޮޓެލްސް އިން ހިންގަމުން އަންނަ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް ސާވިސްޗާޖް އާއި ބައެއް އެލަވަންސްތައް ނުލިބޭތީ މަސައްކަތަށް ނުކުތުން ހުއްޓާލައިފި އެވެ.

އދ. އަތޮޅުގައި ހިންގާ އެ ރިސޯޓުން މިއަދު "ސަން" އާ މައުލޫމާތު ހިއްސާކުރި މުވައްޒަފެއް ބުނީ ސާވިސްޗާޖް ނުލިބެނީ ހައުސް ކީޕަރުންނާއި ރޫމް ބޯއީން އަށް ކަމަށެވެ.

ސާވިސްޗާޖް ނުލިބޭތީ ހައުސް ކީޕަރުންގެ އިސް މުވައްޒަފުން އެ ރިސޯޓުގެ ކޯޑިނޭޓަރުންނާ ބައްދަލުކުރި ކަމަށާއި ސާވިސްޗާޖް ލިބޭނެ ދުވަހެއް ބުނެދޭން އެދިފައިވާނެ ސަން އަށް މައުލޫމާތުން ދިން މީހާ ބުންޏެވެ. ނަމަވެސް މިއަދާ ހަމައަށް ޖަވާބެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިތަނުން މިހާރު މީހުން ކެނޑިގެން ވެސް އެބަދޭ. ކުރިން މީހަކަށް ބަލަންޖެހެނީ ހަތް ރޫމް. ނަމަވެސް މިހާރު މީހަކަށް 11 ރޫމް އެބަޖެހޭ މީހުން މަދުވީމަ. އަނެއްކޮޅުން ސާވިސްޗާޖެއް ނުދޭ. ދެން އަޅުގަނޑުމެން ޖަވާބެއް ނުލިބުނީމަ ފަހުން ވެސް ބައްދަލުކުރިން. ދެން އަޅުގަނޑުމެން ބައްދަލުކޮށްފައި އެ[ސާވިސް ޗާޖު] ދޭނެ ތާރީހެއް ބުނާށޭ އެހެންނޫނީ މަސައްކަތަށް ނުނިކުންނާނަމޭ ބުނީމާ ބުނީ ތިކަމާ ބެހޭ ޖަވާބެއް ދެވޭކަށް ނެތޭ،" ހޮލިޑޭ ރިސޯޓުން ވާހަކަދެއްވި މީހަކު ބުންޏެވެ.

އޭނާބުނީ ރިސޯޓުގައި މިހާރު ތިބީ ޖުމްލަ ނުވަ ރޫމްބޯއީން ކަމަށެވެ. ނަމަވެސް މިއަދު މަސައްކަތަށް ނުކުތީ އެންމެ ދެ ރޫމްބޯ އީން ކަމަށާއި ދެ ދުވަހުގެ ނޯޓިސްއެއް މިހާރު ދީފައިވާ ކަމަށެވެ. އަދި ދެ ދުވަހުގެ ތެރޭގައި ދޭންޖެހޭ ފައިސާ ނުދީފި ނަމަ ވަޒީފާ އިން ވަކިވާނެކަން އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ މައުލޫމާތެއް ހޯދުމަށް "ސަން" އިން ވިލާ ހޮޓެލްސް އާއި ވިލާ ހައުސް އާއި ހޮލިޑޭ އައިލެންޑް ރިސޯޓުގެ އެޗްއާރަށް ގުޅައިގެން ކުރި މަސައްކަތް ވަނީ ނާކާމިޔާބުފަ އެވެ.

comment ކޮމެންޓް