ޕޮޕޯފަށް އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވަން: ދަގަނޑޭ

ވޯލްޑްކަޕް ކޮލިފައިންގައި ހޮންކޮންގާ ދެކޮޅަށް ކުޅުމަށް އެގައުމަށް ދިއުމަށްޓަކައި ގައުމީ ޓީމު މާލެއިން ފުރި ރަސްމިއްޔާތުގެ ތެރެއިން. ގައުމީ ޓީމްގެ ކެޕްޓަން ދަގަނޑޭ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޓީމްގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯފް އެ މަގާމުގައި ހުރިއިރު ކޯޗުގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނޭ ކަމަށް ގައުމީ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ބުނެފި އެވެ.

ސަން އޮންލައިންގައި މިއަދު ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން، ދަގަނޑޭ މިއަދު އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ޓީމްގެ އެއްވެސް ކަމަކަށް އަދި އެއްވެސް ކުޅުންތެރިޔަކު ޓީމަށް ނެގުމަށް އޭނާ ޕޮޕޯފަށް ވެސް އަދި އެހެން މީހަކަށް ވެސް ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި ސަން އޮންލައިންގައި ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ދަގަނޑޭ ވަނީ ކޯޗު ވަކިވުމުން އެފްއޭއެމްއަށް ފާޑުކިޔާފަ އެވެ. މި މަހު 13 ވަނަ ދުވަހު ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ އެފްއޭއެމުން ޕޮޕޯފަށް އިތުރު ވަގުތު ދޭންޖެހޭ ކަމަށް ބުނެފަ އެވެ.

މިމަހު 13 ވަނަ ދުވަހު ކޯޗް ދިފާއުކޮށް ދގަނޑޭ އޭނާގެ އެފްބީގައި ކޮށްފައިވާ ޕޯސްޓް --- ފޮޓޯ/ އެފްބީ

ނަމަވެސް ކޯޗާއި ގުޅޭ ގޮތުން ދެކެވުނު އަހްލާގީ އެއްވެސް މައްސަލައަކަށް ދަގަނޑޭ އެނާ ޕޯސްޓްގައި އަލިއަޅުވަލާފައެއް ނުވެ އެވެ.

"އަހަރެމެންގެ ސަޕޯޓަރުންނަށް ސާފްކޮށްދޭން ބޭނުން، އަހަރެން ކޯޗް ޕޮޕޯފަށް ނުވަތަ އެހެން މީހަކަށް ވެސް ގައުމީ ޓީމުގެ ކުޅުންތެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާކަށް ނުފޫޒެއް ނުފޯރުވަން،" ދަގަނޑޭ ބުނެފައިވެ އެވެ.

ދަގަނޑޭ އިތުރަށް ބުނީ، މިހާރު މީ އެ ހުރިހާކަމެއް އެއްފަރާތް ކުރުމަށްފަހު މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ ޓާގެޓް ހާސިލް ކުރަން ބުރަކޮށް މަސައްކަތް ކުރަވީ ވަގުތު ކަމަށެވެ.

"ﷲ އިރާދަ ކުރެއްވިއްޔާ އަހަރުމެންނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔަބު ކުރެވޭނެ. އަހަރެން އެދެނީ ރާއްޖޭގެ ފުޓްބޯޅައަށް އަލި ކުރިމަގަކަށް. އުންމީދު ކުރަނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ވާސިލްވަނެކަމަށް،" ދަގަނޑޭ އޭނާގެ ސްޓޭޓްމަންޓް ނިންމާލަމުން ބުނެފައިވެ އެވެ.

comment ކޮމެންޓް