ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދު އަވަހާރަވެއްޖެ

އަބްދުﷲ ހަމީދު --

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދު އަވަހާރަވެއްޖެ އެވެ.

އެމަނިކުފާނު އަވަހާރަވީ މީގެ ތިން ދުވަސް ކުރިން ހާޓްއެޓޭކެއް ޖެހިގެން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

އަބްދުﷲ ހަމީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްބަފާ ބޭބޭފުޅެވެ.

އެޓޮލްސް މިނިސްޓަރު ކަމުގެ އިތުރުން އެ މަނިކުފާނު ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރު ކަމާއި އެ ނޫނަސް ދައުލަތުގެ ވަރަށް ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވެ އެވެ.

އަބްދުﷲ ހަމީދަށް 12 ބޭފުޅަކު ލިބިވަޑައިގެންފައިވެ އެވެ. އެއީ ހަ އަންހެން ބޭފުޅުންނާއި ހަ ފިރިހެން ބޭފުޅުންނެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ދައުލުގެ މަތީ މަގާމުތައް ވެސް ފުރުއްވައިފަ އެވެ. އެގޮތުން ހަމްދޫން އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވާފައިވާ ބޭފުޅެކެވެ. އަދި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ.

ހަމީދުގެ ބޭފުޅުންގެ ތެރޭގައި ޝާހީން ހަމީދާއި މައުމޫން ހަމީދަކީ މަޝްހޫރު ގާނޫނީ ވަކީލުންނެވެ. ޝާހީން ވަނީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

އެމަނިކުފާނުގެ ދަރިކަނބަލުން ޑރ. ހާލާ ހަމީދަކީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަން ވެސް އަދާކުރައްވާފަ އެވެ.

ހަމީދުގެ ބޭފުޅުންގެ ތެރެއިން ޑރ. ފާތިން ހަމީދު ވަނީ އަވަހާރަވެފަ އެވެ. އެ ކަމަނާ އަކީ ވެސް ސްޓޭޓް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރަށް ފިޝަރީޒު އެޑްވައިޒަރީ ބޯޑުގަ އާއި މިފްކޯގެ ޗެއާމަންގެ ގޮތުގައި މަސައްކަތް ކުރައްވައި ފިޝަރީޒު އިންޑަސްޓްރީ އަށް ގިނަ ހިދުމަތްތަކެއެއް ކުރައްވާފައިވާ ބޭކަނބަލެކެވެ.

އަބަދުﷲ ހަމީދަކީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އަތޮޅުތައް ބެލެހެއްޓެވި އެންމެ އިސް މޭސްތިރި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު