Sun Online
ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ބައެއް ކަމަށްވާ ފޯޅަވަހި: އައްޑޫ ދޯންޏެއްގައި ފަތުރުވެރިންތަކެއް ފޯޅަވައްސަށް ދާން އުޅުނު
ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ބައެއް ކަމަށްވާ ފޯޅަވަހި: އައްޑޫ ދޯންޏެއްގައި ފަތުރުވެރިންތަކެއް ފޯޅަވައްސަށް ދާން އުޅުނު ...

ފަތުރުވެރިން އުޅުނީ ދޯނީގައި ފޯޅަވައްސަށް ދާން، ދަތުރުގައި ކަންތައްތަކެއް ހިންގަން މައުލޫމާތު ހޯދި

އާދަމް ނަޒީރު
ލިޔުނީއާދަމް ނަޒީރު

އައްޑޫ ސިޓީ މަރަދޫ އިން އިއްޔެ އިރުއޮށްސުނު ވަގުތު ފުރި "ފަހި ރޯޅި" ނަމަކަށް ކިޔާ ކަންނެލި ދޯނީގައި ތިބި ފަތުރުވެރިން ދޯނީގައި ދާން އުޅުނީ ފޯޅަވައްސަށް ކަމަށާއި އަދި ފޯވަޅަވައްސަށް ދިއުމުގެ ދަތުރު މަތީގައި ވަކި ކަހަލަ ކަންތައްތަކެއް ކުރުމަށް މައުލޫމާތު ހޯދާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ކޯސްޓު ގާޑު ބިލްޑިންގުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާނު މުހައްމަދު ވިދާޅުވީ މަރަދޫ އިން ފުރި ކަންނެލި ދޯނީގައި 16 ދިވެހިންނާއި ހަތް ފަތުރުވެރިން ތިބި ކަމަށެވެ.

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ބައެއް ކަމަށްވާ ފޯޅަވަހި ނުވަތަ ޑިއާގޯ ގާސިއާ އަށް ދޯނީގައި ދާން އުޅުނު ފަތުރުވެރިން ނިސްބަތްވާ ގައުމުތަކެއް އެމްއެންޑީއެފަކުން ހާމައެއް ނުކުރެ އެވެ.

އައްޑޫ ސިޓީ މަރަދޫއިން ފުރައިގެން ފޯޅަވައްސަށް ދިއުމަށް ފުރި ކަންނެލި ދޯނި: ފޮޓޯ/ ކިޔުންތެރިއެއް

"އަޅުގަނޑުމެންނަށް މިކަމާ ގުޅިގެން ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރުގައި މީގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަހަލަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ. އޭގެތެރޭގައި ދެކުނުގެ ދެ އަތޮޅެއްގައި ޑިއަގޯ ގާސިއާ [ފޯޅަވައްސަށް] ގެންގޮސްދޭނެ ބަޔަކު ޓޫރިސްޓުން ވަނީ ހޯދާފައި،" އަދުނާނު ވިދާޅުވި އެވެ.

އަދުނާނު ވިދާޅުވީ މަރަދޫއިން އިއްޔެގެ 18:05 އެހާކަށްހާއިރު ފުރި ކަންނެލި ދޯންޏާ ގުޅޭ އޮޕަރޭޝަން ހިންގަން ޖެހުނީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖޭގެ މަސްލަހަތު ގެއްލިދާނެ ފަދަ ގިނަ ކަންތައްތަކެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމުން ކަމަށެވެ.

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ބައެއް ކަމަށްވާ ފޯޅަވަހި: މިހާރު އެތަނަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޯސްޓާގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބުރާހިމް ވިދާޅުވީ އެ ދޯންޏާ ގުޅޭ މައުލޫމާތު އެމްއެންޑީއެފް ކޯސްޓުގާޑަށް ލިބުމާއެކު ކަނޑާއި ވައިގެ މަގުން ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ފެށީ ރާއްޖެއިން ފޯޅަވައްސަށް ދެވެން އޮތް އެންމެ ކުރު "ރޫޓު" ބެލުމަށް ފަހުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކަންނެލި ދޯނި ކޯސްޓު ގާޑަށް ފެނިފައި ވަނީ ރާއްޖޭގެ ސަރަހައްދުން ބޭރުން ކަމަށެވެ.

"މި މީހުން [ކަންނެލި ދޯނި] ހިފަހައްޓާފައި މި ވަނީ ރާއްޖޭގެ ސަރަހައްދުން އައްޑު އަތޮޅުން ދެކުނު ގާތްގަނޑަކަށް 54 މޭލުން. އަޅުގަނޑުމެން ބަލާލިއިރު އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ކަންބޮޑުވާ ކަންތައްތަކެއް ހުރި އިނގޭތޯ. އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ލިބުން މައުލޫމާތެއް ނޫން ދެން ލިބުނީ. ދެން ލިބުނު މައުލޫމާތެއް ނޫން އެއަށްފަހު ލިބުނީކީ އެއް،" ކާނަލް މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ.

ކޯސްޓާގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބުރާހިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ކާނަލް މުހައްމަދު އިބުރާހިމް ވިދާޅުވީ މިއަދާ ހަމައަށް ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުން އައީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާ ގައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެންމެ ދޯންޏެއްގެ ސަބަބުން ވެސް ފެނިގެން ދިޔައީ ހިތާމަހުރި އަމަލެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިއަދާ ހަމައަށް މަސްވެރިކަން ކުރާއިރު މިވީތަނަކަށް ރާއްޖޭގެ މަސްވެރިކަން ކުރާ އެއްވެސް އުޅަނދަކުން ބޭރުގެ އެއްވެސް ސަރަހައްދަކަށް ގަވާއިދާ ހިލާފަށް ވަދެފައެއް ނުވޭ،" ކާނަލް މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓުރީގެ ސުޓޭޓު މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ މަރަދޫ އިން ފަތުރުވެރިންތަކެއް ގޮވައިގެން ފުރި ކަންނެލި ދޯނި އެމްއެންޑީއެފް ކޯސްޓު ގާޑުން ހިފެހެއްޓީ ފޯޅަވައްސަށް ދާން އޮންނަ މަގުން އެހެން ގައުމެއްގެ ސަރަހައްދުގެ ތެރެއަށް ވަދެފައި ވަނިކޮށް ކަމަށެވެ.

×
DB released.