މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ އިނާމު ލިބޭ ބަށި މުބާރާތެއް އައްޑޫގައި މިމަހު ފެށުމަށް ނިންމައިފިއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް އިނިޝިއޭޓިވް (އައުޑި)ގެ ރައީސާ ފާތިމަތު ހަނީފާ ވިދާޅުވީ، މިމަހު 28 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ބަށި މުބާރާތާކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ބަށި މުބާރާތަށް ވާނެ ކަމަށެވެ.
"އޮންދިގޯ" އިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އޮންދިގޯ ބަށި މުބާރާތް 2015" ގައި 11 ޓީމަކުން ބައިވެރިވެފައިވާ ކަމަށް ހަނީފާ ވިދާޅުވިއެވެ.
މުޅި އައްޑޫ ސިޓީއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ އެއްވަނަ ޓީމަށް އޮންދިގޯގެ ފަރާތުން ވަނީ 35،000 ރުފިޔާ ދިނުމަށް ނިންމާފައެވެ. އަދި އޭގެ އިތުރުން އެއްވަނައަށް އަންނަ ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، 30،000 ރުފިޔާގެ އިނާމެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހަނީފާ ވިދާޅުވިއެވެ.
މުބާރާތުގެ ދެވަނަ އަށް އަންނަ ޓީމަކަށް 25،000 ރުފިޔާގެ އިނާމެއް ހަމަޖެހިފައިވާއިރު ތިންވަނަ އަށް އަންނަ ޓީމަކަށް 15،000 ރުފިޔާގެ އިނާމެއް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަނީފާ ވިދާޅުވީ، މި ބަށި މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔަކާއި އުކުންތެރިއެއްގެ އިތުރުން މުބާރާތުގެ އެހެނިހެން ވަނަތައްވެސް ހޮވާނެ ކަމަށެވެ.
އައްޑޫ އަންހެނުންގެ އެކުވެރިކަން ބަދަހި ކުރުމަށް ކޮންމެ އަހަރަކު ބަށި މުބާރާތެއް ބާއްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު އެ މުބާރާތް އިންތިޒާމްކޮށްފައިވަނީ ވިމެންސް ކޮމިޓީއިންނެވެ.