ކާބުލް (އޮގަސްޓް 6): އަފްޣާނިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުގެ ޒަޢީމް މުއްލާ މުހައްމަދު އުމަރު މަރުވިފަހުން އެޖަމާއަތުން ދިން ފުރަތަމަ ހަމަލާގައި އަފްޣާނިސްތާނުގެ އަށްމީހުން މަރާލައިފިއެވެ.
މި ޙަމަލާ ދީފައިވަނީ ކާބުލްގެ ދެކުނުގެ ހިސާބެއްގައިވާ އަފްޣާން ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށެވެ. ތާލިބާނުންގެ ހަނގުރާމަވެރިއަކު އޭނާގެ ހަށިގަނޑުގައި ބޮންހަރުކޮށް ހަށިގަނޑު ގޮއްވާލައި އަމިއްލައަށް މަރުވެގެންދިން މި ހަމަލާގައި މަރުވި އަށްމީހުންގެ ތެރެއިން 5 މީހުންނަކީ އާންމުން ކަމަށާއި އަނެއް ތިންމީހުންނަކީ ފުލުހުން ކަމަށް އަފްޣާން މަސްއޫލުވެރިއެއްކަމަށްވާ ޙަލީމް ފިދާއި ވިދާޅުވިއެވެ.
ތާލިބާނުންގެ ތަރްޖަމާން ޒަބީހުﷲ މުޖާހިދުވަނީ މިހަމަލާގެ ޒިންމާ އެޖަމާއަތުން އުފުލާކަމަށް ބުނެފައެވެ.
ޒަބީހުﷲ ބުނީ އަފްޣާނިސްތާނުގެ ލޯގަރު ސްޓޭޓްގެ ކާބުލްގެ ދެކުނުގައިވާ ސަލާމަތީ ބާރުތަކުގެ މަރުކަޒަކަށް ދިން ޙަމަލާތަކެއްގައި މަރުވެފައިވަނީ އަފްޣާން ސަލާމަތީ ބާރުތަކުގައި ހިމެނޭ ސްޕެޝަލް ފޯސް ގެ މެންބަރުންތަކެއް ކަމުގައެވެ. މަރާލެވުނު މީހުންގެ އަދަދެއް ޒަބީހުﷲ ހާމަކޮށްފައެއް ނުވެއެވެ.
އދ. ބުނާގޮތުން އަފްޣާނިސްތާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި އެކަނިވެސް ފަސްހާހަށްވުރެ ގިނައާންމުން މަރުވެފައިވެއެވެ.
ކާބުލްގައި ހުންނަ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ޔުނިޓްގެ އިސްވެރިޔާ ޑެނިޔަލް ޕީލް ވިދާޅުވީ، އަފްޣާން ދާޚިލީ ހަނގުރާމަ މިހާރު ކުރިޔަށްދަނީ ތާލިބާނުންގެ ސަބަބުން ކަމަށާއި މިހަނގުރާމައިގައި މަރުވާ އާންމުންގެ ގިނަމީހުން މަރުވަނީވެސް ތާލިބާނުންގެ ޙަމަލާތަކުގައެވެ.
އަފްޣާނިސްތާނަށް ގަދަބާރުން އަރައި ހަނގުރާމަ ކުރަމުން ގެންދިޔަ އެމެރިކާއާއި ނޭޓޯގެ އިސްތިއްމާރީ ސިފައިން 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު އެގައުމުންވަނީ ފައިބައިގެން ގޮސްފައެވެ. އެމެރިކާއާއި ނޭޓޯގެ އިސްތިއުމާރީ ބާރުތައް އަފްޣާނިސްތާނުން ފައިބަން މަޖްބޫރުވީ އެމީހުންނާ ދެކޮޅަށް ތާލިބާނުން ކުރަމުން ގެންދިޔަ ހަނގުރާމައަށް ކެތް ނުކުރެވިގެންނާއި ތާލިބާނުން ބަލިކުރުމުގައި މުޅިން ނާކާމިޔާބުވެގެންނެވެ. (ނޫސްއެޖެންސީތައް)