މަތިންދާ ބޯޓެއްގެ ކުޑަދޮރަކާއި އެލުމިނިއަމް ފޮއިލްތަކެއް ރިޔޫނިއަން ސަރަހައްދުން މެލޭޝިއާ ޓީމަކަށް ފެނިއްޖެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮންގް ލައި ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ދަ ގާޑިއަން" އިން މިއަދު ބުނި ގޮތުގައި، މެލޭޝިއާގެ ސާޗް ޓީމަށް އެތަކެތި ފެނިފައިވި ނަމަވެސް އެއީ މެލޭޝިޔާގެ ގެއްލިފައިވާ ފަލައިޓް އެމްއެޗް370ގެ ބައެއް ކަމަށް ޔަގީން ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ރިޔޫނިއަނަށް ލައްގާފައި އޮއްވައި ފެނުނު މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބަޔަކީ ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370ގެ ބައެއްކަން ރޭގައި ވަނީ ކަށަވަރު ވެފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، ކުއަލަ ލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ އެ ގައުގެ މަތިންދާބޯޓް އެމްއެޗް 370 އިންޑިއާ ކަނޑުގެ ދެކުނަށް ވެއްޓިފައިވާ ކަމުގެ "ފިޒިކަލް އެވިޑެންސް" މިހާރު ފެނިފައިވާ ކަމަށެވެ.
ނަޖީބު ވިދާޅުވީ ރީޔުނިއަންގެ ގޮނޑުދޮށަށް ލައްގާފައިވާ މަތިންދާ ބޯޓުގެ ބައިތައް ފްރާންސަށް ޓެސްޓް ކުރަން ފޮނުވުމުން، އެ ތަކެއްޗަކީ ގެއްލިފައިވާ އެމްއެޗް 370ގެ ބައިތަކެއް ކަމަށް ޓެސްޓްތަކުން ޔަގީންވެފައިވާ ކަމަށެވެ.
މީގެ ހަފުތާއެއް ކުރިން ރީޔޫނިއަނުން ފެނިފައި ވަނީ ބޯއިން 777 މަރުކާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބައެކެވެ.
އެންމެ ފަހުން އެމްއެޗް 370 ފްލައިޓްގެ ޚަބަރެއް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ނާއްޓަލި ފަހުންނެވެ. ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ބޯޓުގެ ސިގުނަލް ގެއްލި، މިއަދާއި ހަމަޔަށް ވެސް އެ ބޯޓުވީތަނެއް ނޭނގެ އެވެ.
އެ ދުވަހު އެ ބޯޓު ބޭޖިންއަށް ދާން ނައްޓާލި އިރު އެ ބޯޓުގައި ޗައިނާގެ 152 ރައްޔިތުން ތިއްބެވެ. އަދި ބޯޓުގެ ކްރޫންނާއި ފަސިންޖަރުންނާ އެކު ޖުމްލަ 239 މީހުން އެ ބޯޓުގައި ދަތުރު ކުރި އެވެ.
އިންޑިއާ ކަނޑުގެ ޒަޒީރާއެއް ކަމަށްވާ ރީޔޫނިއަނުން ފެނުނު ބޯޓުގެ އެއް ފިޔަގަނޑުގެ ބައިތައް ޓެސްތް ކުރި އެކްސްޕާޓުންގެ ފަރަތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފްރާންސްގެ ޕްރޮސިކިއުޓާ ސާޖް މެކޯވިއާކް ވިދާޅުުވީ އިއްޔެ ކުރި ޓެސްތްތަކުން ޔަގީނާ ގާތަށް ރީޔޫނިއަންގެ ގޮނޑު ދަށުން ފެނުނު މަތިންދާ ބޯޓުގެ ފިޔައިގެ ބައިތަކަކީ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ބުނަން އެނގޭ ކަމަށެވެ.