ދިވެހި ޒުވާނުނަށް މަތީތައުލީމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ހަ މީހަކަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.
ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން މިއަހަރު އިއުލާންކުރި ސްކޮލާޝިޕްގެ ފުރުސަތަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ ހަ މީހުންނަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރީ މިއަދު މެންދުރުފަހު 1:30 ގައި މައުމޫން ފައުންޑޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސްކޮލާޝިޕް ލިބުނު ހަ މީހުންނާއެކު ރައީސް މައުމޫން ---- ފޮޓޯ: މައުމޫން ފައުންޑޭޝަން
އިންޑިއާގެ ބެންގަލޫރުގައި ހުންނަ ގާޑްން ސިޓީ ކޮލެޖުން މަތީ ތައުލީމް ހާސިލްކުރުމަށްޓަކައި ހަތަރު ދާއިރާއަކުން ހަ ކުދިންނަށް ސްކޮލާޝިޕާ ބެހޭލިއުން ހަވާލުކޮށް ދެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއާމަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ރައީސް މައުމޫން ހަވާކުކޮށްދެއްވަނީ ---- ފޮޓޯ: މައުމޫން ފައުންޑޭޝަން
އެރަސްމިއްޔާތުގައި މައުމޫން ދެއްކެވި ވާހަކަފުޅުގައި މިލިބުނު ފުރުސަތުތައް ވީހާވެސް ރަގަޅުގޮތުގައި ބޭނުންހިފުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެމީހުން އެކޯސް ފުރިހަމަކޮށް ކިޔެވި ދާއިރާއަކުން ގައުމަށް ޚިދުމަތްކޮށްދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ރައީސް މައުމޫން ހަވާކުކޮށްދެއްވަނީ ---- ފޮޓޯ: މައުމޫން ފައުންޑޭޝަން
އެ ހަމީހުން ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ބީއެސްސީ- ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް އާއި ބީއޭ- ޖާނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް އާއި ބީއޭ- ޓޫރިޒަމް، ހިސްޓްރީ، ޖާނަލިޒަމް އަދި ބީކޮމް- ބެޗެލާ އޮފް ކޮމާސް ގެ ދާއިރާ އިންނެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ އެ ކޯސްތަކުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށެވެ.