އަފްޣާނިސްތާން އަޅުވެތިކޮށްގެން އުޅޭ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކާ ހަނގުރާމަ ކުރަމުންދާ އެ ގައުމުގެ ހަމަ އެކަނި ޖަމާއަތް ކަމަށްވާ ތާލިބާނުންގެ ވެރިޔާ މުއްލާ މުއްމަދު އުމަރު މީގެ ދޭއް ނުވަތަ ތިން އަހަރު ކުރިން މަރުވެފައިވާ ކަމަށް އަފްޣާން ސަރުކާރުގެ އޮފިޝަލުން ބުނެފި އެވެ.
މުއްލާ އުމަރު މަރުވެފައިވާ ކަމުގެ ރިޕޯޓުތަށް މީގެ ކުރިން ވެސް އަފްޣާނިސްތާނާއި ޕާކިސްތާންގައި ވަނީ ފެތުރިފަ އެވެ.
އަފްޣާން ސަރުކާރުން އެކަމާ ބެހޭ ގޮތުން ބަހެއް ބުނި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މުއްލާ އުމަރުގެ މަރާ ބެހޭ އިތުރު ތަފްސީލެއް އަފްގާން ސަރުކާރުން ދީފައެއް ނުވެ އެވެ.
ތާލިބާނުގެ ތަރުޖަމާނު ބީބީސީގައި ބުނެފައި ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެކަމާ ބެހޭގޮތުން ބަޔާނެއް ނެރޭނެ ކަމަށެވެ.
މުއްލާ މަރާލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަށް މީގެ ކުރިން ވެސް ތާލިބާނުން ވަނީ ދޮގުކޮށްފަ އެވެ.
އަފްޣާނިސްތާންގައި އޮތް ތާލިބާނުންގެ ވެރިކަން އެމެރިކާ އާއި އެ ގައުމާ ބައިވެރިވާ ގައުމުތައް ގުޅިގެން 2001 ވަނަ އަހަރު ވައްޓާލުމުން މުއްލާ އުމަރާއި ތާލިބާނުންގެ އިސް ވެރިން ވަޑައިގަތީ އަފްޣާނިސްތާންގެ ކުއެއްތާ އަށެވެ. އަދި އެ ރަށުގައި ތާލިބާނުންގެ ސޫރާ ކައުންސިލެއް އުފައްދާފައިވެ އެވެ.