ބޮޑެތި އިގްތިސާދީ ބާރުތަކުގެ ނުފޫޒުގެ ދަށުވުމަކީ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް: ރައީސް މައުމޫނު

ޖަލްސާއެއްގައި މައުމޫން ވާހަކަފުޅު ދައްކަވަނީ ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިގްތިޞާދީ ގޮތުން ބޭރުގެ ބޮޑެތި އިގްތިޞާދީ ބާރުތަކުގެ ނުފޫޒުގެ ދަށުވުން ހިމެނިގެން ދަނީ މިނިވަންކަމަށް ބުުރޫއަރާނެ ކަންކަމުގެ ތެރޭގައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާއްސަބަތުގައި ރައީސް މައުމޫނު ފޮނުއްވި ހިތާބުގައި ވިދާޅުވީ މިނިވަން ކަން ގެއްލިގެން ދާނީ ހަމަ އެކަނި ބޭރުގެ ހަތިޔާރުއެޅި ލަޝްކަރަކުން ނުވަތަ ޖަމާޢަތަކުންދޭ ޙަމަލައެއްގެ ސަބަބުން ނޫން ކަމަށެވެ. އިގްތިސާދީ ބާރުތަކުގެ ނޫފޫޒުގެ ދަށުވުމާއި އެއްބައިވަންތަކަން ގެއްލިގެން ދިއުމުން ވެސް މިނިވަންކަމަށް ބުރޫ އަރާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ.

އޭގެތެރޭގައި، ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި، ރައްޔިތުން ބައިބައިވެ، ގައުމުގެ އެއްބައިވަންތަކަން ގެއްލިގެންދިޔުން ހިމެނެއެވެ. ހަމައެހެންމެ، ގައުމުގައި އޮތް ދީނީ ވަޙްދަތު ގެއްލި، ހައްދުފަހަނައަޅާފައިވާ އޮއިވަރުތަކުގެ ބާރު ގަދަވުމާއި، އިޤްތިޞާދީގޮތުން ބޭރުގެ ބޮޑެތި އިޤްތިޞާދީ ބާރުތަކުގެ ނުފޫޒުގެ ދަށުވުން ވެސް ހިމެނޭ. ރައީސް މައުމޫނު

މައުމޫނު ވިދާޅުވީ ދިވެހިން ތިބެންޖެހޭނީ، އެހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެން ކަމަށާއި އެފަދަ ކަމެއް ރާއްޖެއަށް މެދުވެރިވިޔަ ނުދިނުމަށް، ނުހަނު ވަރުގަދަ ޢަޒުމަކާއެކު ކަމަރު ބަނދެގެން ކަމަށެވެ.

ލިބިފައިވާ މިނިވަންކަން ޙިމާޔަތްކޮށް ދެމެހެއްޓުމަކީ، މިނިވަންކަން ހޯދުމަށްވުރެ ބައެއް ފަހަރަށް ބުރަ ކަމަކަށް ވެދާނެ ކަން ފާހަގަކުރައްވާ މައުމޫނު ވިދާޅުވީ ވޭތުވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަން ގެއްލުމުގެ ބިރު ހީވާފަދަ ބައެއް ކަންތައްތައްވަނީ، ރާއްޖެ ތަޖުރިބާކުރަން ޖެހިފައިވާ ކަމަށެވެ.

އޭގެތެރެއިން އެއް ޙާދިސާއަކީ، 1980 ވަނަ އަހަރު ބޭރުގެ ކުލީ ސިފައިން ބޭނުންކޮށްގެން ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ދިވެހިންގެ ބަޔަކު ރޭވި ނާކާމިޔާބު ރޭވުން. ދެވަނަ ޙާދިސާއަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެ ކުރިމަތިލާންޖެހުނު ޢުދުވާން. ރައީސް މައުމޫނު

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސް މައުމޫނު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ. އަދި ހޭލުންތެރި ބައެއްގެ ގޮތުގައި ތިބިހާ ދުވަހަކު ދިވެހި ރާއްޖޭގެ މިނިވަންކަމަކަށް ބުރުލެއް ނާރާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ.

comment ކޮމެންޓް