ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހު ތަސްދީގު ކުރެއްވުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ބިންމިލްކު ކުރެވޭ ގާނޫނު ތަސްދީގު ކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯއްދެވުމަށް އަޅުގަނޑު ވާނީ ރައީސް އަށް ދަންނަވާފައި." ވާނޭ ކަމަށެވެ.
I have appealed to president to seek public opinion on proposed constitutional amendment re land ownership before ratification.
— Maumoon Abdul Gayoom (@maumoonagayoom) July 22, 2015 ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީ އަށް ހުށަހެޅުއްވިއިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީ އަށް ހުށަހެޅި އެ އިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާ އަށް ލިބިގެންވެ އެވެ.
މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީގައި މިހާރު ބުނެފައިވާ ގޮތުން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ބިމެއް މިލްކު ކޮށެއް ނުދެވޭނެ އެވެ.
ގާނޫނު އަސާސީ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެ 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވުމަށް މިހާރު ވަނީ ނިންމާފަ އެވެ.