ޖަނަރޭޓަރެއް ހަލާކުވެ، މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރަން އިލްތިމާސްކޮށްފި

ސްޓެލްކޯގެ ޕަވާ ސްޓޭޝަން ނޫސްވެރިންނަށް ދައްކާލަނީ -- ސަން ފައިލް ފޮޓޯ

ސްޓެލްކޯ އިން މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހަލާކުވެފައިވާތީ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެކުންފުނިން މިއަދު އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯގެ އިންޖިނޭރު އިބްރާހީމް ރައޫފް މިއަދު "ސަން"އަށް ވިދާޅުވީ ޖަނަރޭޓަރަށް ދިމާވެފައި ވަނީ ބޮޑު މައްސަލައެއް ކަމަށާއި މަރާމާތު ކުރުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމަށެވެ.

"...މޭޖާ ޓެކްނިކަލް މައްސަލައެއް ޖަނަރޭޓަރަށް ދިމާވީ. މަރާމާތު ކުރުމަށް ރާއްޖޭން ބޭރުން ވެސް ބައެއް ސްޕެއާޕާޓްސް ގެންނަން ޖެހޭނެ. އެހެންވީމާ ވަރަށް ވަގުތު ނަގާނެ. ލަފާ ކުރެވޭ ގޮތުގައި ދެހަފުތާއެއްހާ ދުވަސް ވާނެ،" ރައޫފް ވިދާޅުވި އެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޮޑު މަރާމާތެއް ކުރުމަށް އެއް ޖަނަރޭޓަރު ނިއްވާލާފައި ވާތީ މާލެއަށް ބޭނުން ކަރަންޓް އުފެއްދޭ މިންވަރު މަދުވެދާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ކަރަންޓް ބޭނުންކުރާ މިންވަރު މަތިވާ ނަމަ އެކި ސަރަހައްދުތަކުން ދޭތެރޭ ދޭތެރެއިން ހިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

"...ވީމާ ކަރަންޓް ބޭނުންކުރައްވާ ވަރު މަދުކުރެއްވުމަށާއި، ޚާއްސަކޮށް މަތީ ކަރަންޓް ބޭނުންވާ ތަކެތި ބޭނުންކުރެއްވުމުގައި މިވަގުތަށް ސަމާލުވެވަޑައިގަތުމަށް މިކުންފުނިން އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެއެވެ.

ކަސްޓަމަރުން ދިމާވެދާނެ ދަތިތަކަކަށް ޓަކައި ސްޓެލްކޯއިން މައާފަށް އެދޭ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ރައޫފް ވިދާޅުވީ ކަރަންޓް ބޭނުންކުރާ މިންވަރު މަތިވެގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަރަންޓް ކަނޑައިލާނީ ގަޑިއެއްހާ އިރަށް ކަމަށެވެ. އަދި އެސަރަހައްދަށް ކަރަންޓް ދޫކުރުމަށް ފަހު ދެން ކަނޑައިލާނީ އެހެން ސަރަހައްދަކުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް