މީދޫ ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސައްކަތް ރައްޔިތުން ހުއްޓުވައިފި

ދ. މީދޫ ހިއްކި ސަރަހައްދުގައި ޖަހާފައިހުރި ހިލަތައް--- ފޮޓޯ: އަހުމަދު އަސްލަމް

ދ. މީދޫ ހިއްކި ސަރަހައްދުގައި ހިލަޖެހުމުގެ މަސައްކަތް ކުރުމުގައި ފަރުވާ ކުޑަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ރަށު ކައުންސިލުންނާއި ރައްޔިތުންގޮސް އެ މަސައްކަތް ހުއްޓުވައިފި އެވެ.

މީދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް މިއަދު 'ސަން' އަށް ވިދާޅުވީ ރަށު ރައްޔިތުންނާއި ކައުންސިލުން ގޮސް އެމްޓީ ހޯގާޑުން ކުރަމުންދާ ހިލަޖެހުމުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ހިލަޖެހުމުގެ މަސައްކަތްކުރާ ފަރާތްތަކުން ފަރުވާ ކުޑަ ކުރާތީ އެތައްފަހަރެއްގެ މަތިން ވާނީ އެފަރާތްތަކާ ވާހަކަދައްކައި އެކަންކަން ރަނގަޅު ކުރުމަށް އަންގާފައި ކަމަށެވެ. ނަމަވެސް ކައުންސިލްގެ އެވާހަކަތަކާ އެއްގޮތަށް އެކުންފުނިން އަމަލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިއްކި ސަރަހައްދުގައި ޖަހާފައި ހުރި ހިލަތައް ގިނަ ފަހަރަށް ހުންނަނީ ވެއްޓިފައި ކަމަށާއި އެ ސަރަހައްދު މިހާރު ގިރުމުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގާ ޖަހާއިރަށް އަނެއްގާ އޮންނާނީ ވެއްޓިފައި. އެހާ ފަރުވާ ކުޑަކޮށް އެ މަސައްކަތް ކުރަމުންދަނީ. ދެން އަނެއްކާ ވެލިގަނޑު ސަރަހައްދުން ވެލިތައްވެސް ދަނީ ކެހެމުން. އެސަރަހައްދުން ހީވަނީ ވެލާ ބިސް އަޅަން ކޮނެފައި އޮތް ހެން،" އަސްލަމް ވިދާޅުވިއެވެ.

އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީދޫގައި މީގެ އަހަރެއް ކުރިން ވަނީ 22.5 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ. ސަރުކާރާއި ނެދަލޭންޑްސްގެ އެމްޓީ ހޯގާޑު ގުޅިގެން ހިއްކާފައިވާ ސަރަހައްދުން 250 ފަރާތަކަށް ބިން ދޫކުރާނެއެވެ.

comment ކޮމެންޓް