އީގަލްސްއާ އެއްވަރުވެ، ލީޑް ފުޅާކުރަން ލިބުނު ފުރުސަތު ނިއުއަށް ގެއްލިއްޖެ

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅުނު މެޗެއްގެ ތެރެއިން. މިރޭ އީގަލްސްއާ ދެކޮޅަށް ނިއު ކުޅުނު މެޗު ނިމުނީ 1-1 އިން ދެޓީމް އެއްވަރުވެގެން --- ސަން ފައިލް ފޮޓޯ

ކްލަބު އީގަލްސްއަތުން 1-1 ގެ ނަތީޖައަކުން އެއްވަރުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލްގެ ކުރީގައި ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގެއްލިއްޖެވެ.

އީގަލްސް އަތުން މޮޅުވެގެން ދެ ވަނައިގައި އޮތް މާޒިޔާއާ ހަތަރު ޕޮއިންޓަށް ލީޑް ފުޅާ ކުރެވެން އޮއްވައި އެއްވަރުވުމުން އެފުރުސަތު ނިއުއަށް ގެއްލުނު އިރު ރޭގެ މެޗް އެއްވަރުވުމުން ލިބުނު އެއް ޕޮންޓާއެކު ނިއު އެއް ވަނައިގައި އޮތީ 14 ޕޮއިންޓާއެކުއެވެ. މާޒިޔާއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

މެޗްގެ ފުރަތަމަ ހާފު ފެށިގެން ކުޑަ ވަގުތުކޮޅެއްގައި ނިއުއިން ލަނޑު ޖެހިއިރު އީގަލްސްގެ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފު ހާފު ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ނިއުގެ ލަނޑު މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައި ރިލްވާން ވަހީދު (ރިލޭ) ކާމިޔާބު ކުރީ އީގަލްސްގެ ހާފުގެ މެދުތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އީގަލްސްގެ ލަނޑު މެޗްގެ 46 ވަނަ މިނެޓަގައި ކާމިޔަބު ކުރީ ދެ ވަނަ ހާފްގައި ކުޅެން ނިކުތް އަޙްމަދު ރަޝީދު (އައްމަޑޭ)އެވެ. އަންމަޑޭ މިލަނޑު ކަމިޔާބު ކުރީ ހަސަން އަދުހަމް (ސަޑޭ) ނިއުގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރި ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެނެވެ.

ދެ ވަނަ ހާފުގައި އީގަލްސްއިން ވަނީ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެޓީމަށް ވަނީ މެޗްގެ ނަތީޖާ ބަދަލުކޮށްލެވޭވަރުގެ ދެ ފުރުސަތެއް ލިބިގެންގޮސްފައެވެ.

މެޗް ނިމެން ކައިރިވެފައިވަނިކޮށް ނިއުއިންވެސް ވަނީ އީގަލްސްގެ ޑިފެންސަށް ނުރައްކާކޮށްފައެވެ.

މެޗަށް ފަހު ވަހަކަ ދައްކަމުން ނިއުގެ އެސިސްޓެންޓް ކޯޗް ޞޮބާހް މުހައްމަދު (ސޮބާ) ބުނީ މެޗަށް ނިއު ނިކުތްއިރުވެސް ބަލިނުވެ ދަނޑުން ފޭބުމަށް އަޒުމް ކަނޑައެޅި ކަމަށާއި މެޗުން އެއް ޕޮއިންޓް ލިބި ތާވްލަގެ ކުރީގައި ދެ ޕޮއިންޓްގެ ފަރަގާކައެކު އޮތުމަކީ ކުޅުންތެރިންނަށް ލިބޭބެ ހިތްވަރެއް ކަމަށެވެ.

އީގަލްސްގެ އެސިސްޓެންޓް ކޯޗް އަޙްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ މިމެޗަކީ ވޭތުވެދިޔަ ތިން މެޗްގެ ތެރެއިން އީގަލްސް ކުޅުނު އެންމެ ރަނގަޅު މެޗް ކަމަށާއި މެޗް އެއް ޕޮއޮންޓާއެކު ނިންމަލަން ބޭނުން ނުވާކަމަށާއި މެޗަކީ އީގަލްސްއަށް މޮޅުވެވެން އޮތް މެޗެއް ކަމަށެވެ.

ރޭގެ މެޗަށް ފަހު މިނިވަން ފަންސާހުގެ ހަރަކާތްތައް ބޭއްވުމަށް ގައުމީ ފުޓްބޯޅަ ދަނޑު ތައްޔާރު ކުރުމަށާއި އަންނަ މަހު 1 ން 8 ށް ރީޔޫނިއަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ޓީމް މުބާރަތަށް ތައްޔާރު ވުމަށް ލީގް ވަނީ ގާތްގަނޑަކަށް މަހެއް ހާ ދުވަހަށް ލީގް މެދުކަނޑާލަފައެވެ.

ލީގު އަލުން ފަށާނީ އައިއޯއައިޖީއަށް ފަހުގައެވެ.

comment ކޮމެންޓް