ސިމެންތި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަކަށް ލަފާޖްހޯލްސިމް

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ލަފާޖްހޯލްސިމް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވަހަކަދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސިމެންތި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ދެ ކުންފުނި ކަަމަށްވާ ލަފާޖް އާއި ހޯލްސިމް ކުންފުނި އެއްކޮށްލުމުން މިހާރު އެއީ ދުނިޔޭގެ އެންމެ ބޮޑު ސިމެންތި އުފައްދާ ކުންފުންޏަށް ވެއްޖެއެވެ.

މި ދެ ކުންފުނީގެ މާޖާ (ގުޅުން) ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ލަފާޖްހޯލްސިމް އިން ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ލަފާޖްހޯލްސިމް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ، އެ މާޖާގެ ސަބަބުން ކަސްޓަމަރުންނަށް އޭގެ އެދެވޭ ނަތީޖާ ފެންނާނެ ކަަމަށެވެ. އެގޮތުން އެ ދެ ކުންފުނީގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން އާ އުފެއްދުންތައް އުފައްދަން މަސައްކަތް ކުރާނެ ކަަމަށް މަމްދޫހު ވިދާޅުވި އެވެ.

އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، ލަފާޖް ކުންފުންޏާއި ހޯލްސިމް އާއި ގުޅުމުން އޭގެ ސަބަބުން ސިމެންތި ވިއްކާ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަަމަށެވެ.

" ވަރަށް ބޮޑަށް ސިމެންތި މިއޮތީ ޕްރީމިއަމް ބްރޭންޑަކަށް ވެފަ. އެންމެ އަގުހެޔޮ ސިމެންތިއަކަށް ނޫން މިވަނީ އެންމެ ކޮލިޓީ ރަނގަޅު ޕްރިފާޑް ސިމިންތިއަކަށް. މި ސިނާޖީ އާއި ގުޅިގެން އަގަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރަނީ" ޝަހީރު ވިދާޅުވިއެވެ.

އެހެންނަމަވެސް އަގަށް ބަދަލު އަންނަށް ވަގުތު ނަގާނެ ކަަމަށް ޝަހީރު ވިދާޅުވިއެވެ. މީގެ 17 އަހަރު ކުރިން ރާއްޖޭގައި އެކުންފުނިން ހަރަކާތްތެރިވާން ފެށިއިރު އޭރު ސިމެންތި ކޮތަޅެއްގެ އަގު ހުރީ 85 ރުފިޔާއާއި 95 ރުފިޔާއާ ދެމެދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ މަސައްކަތް ފެށުމާއި އެކު 45 ރުފިޔާ އާއި 50 ރުފިޔާ އާއި ދޭތެރޭ އަގަކަށް ސިމެންޓީގެ އަގު ތިރިވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަފާޖުހޯލްސިމް އިން ދަނީ މިހާރުވެސް ތިލަފުށީގައި ސިމެންތި ބަންދުކުރުމުގެ މަސައްކައްތ ކުރަމުންނެވެ. ލަފާޖްހޯލްސިމް ރާއްޖޭ ކުންފުނީގެ 75 ޕަސެންޓަކީ ލަފާޖެވެ. އަދި 25 ޕަސެންޓަކީ އެސްޓިއޯއެވެ.

ލަފާޖްހޯލްސިމް ކުންފުނިން ދުނިޔޭގެ 90 ގައުމެއްގައި ހަރަކާތްތެރިވެއެވެ. އެ ދެކުންފުނީގެ ސޭލްސްގެ ޖުމްލަ އަގު 34 ބިލިއަން ޑޮލަރަށް އަރައެވެ. ފްރާންސްގެ ލަފާޖް ކުންފުނި އުފެދުނީ 1830 ގައެވެ. އަދި ސްވިޒަލެންޑްގެ ހޯލްސިމް ކުންފުނި އުފެދުނީ 1864 ގައެވެ.

comment ކޮމެންޓް