ކާބުލް (ޖުލައި 15): އަފްޣާން ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ދެއްކުން ޝަރުޢީގޮތުން ހުއްދަކަމަށް އަފްޣާން ތާލިބާނުންގެ ޒައީމް މުއްލާ މުހައްމަދު އުމަރު ބުނެފިއެވެ.
ޕާކިސްތާނުގައި މިދިޔަ ހަފްތާގައި ކުރިޔަށްދިޔަ އަފްޣާން ސަރުކާރާއި ތާލިބާން ހަނގުރާމަވެރިންގެ ސުލްޙައިގެ ވާހަކަތަކާބެހޭގޮތުން ނެރުނު ބަޔާނެއް ގައި މުއްލާ އުމަރު ބުނީ ދުޝްމަނުންނާ ސުލްހައިގެ ވާހަކަތައް ދެއްކުމަކީ ކީރިތި ރަސޫލާ (ސޢވ) ވެސް ކުރައްވާފައިވާ ކަމެއްކަމަށާއި މިއީ ހުއްދަ ކަމެއްކަމުގައެވެ. އަދި ކާފަރުންނާވެސް ސުލްޙައިގެ ވާހަކަތައް ދެއްކޭނެ ކަމަށް މުއްލާ އުމަރު ބުންޏެވެ.
ޕާކިސްތާން ސަރުކާރުގެ ބެލުމުގެ ދަށުން މިދިޔަ ހަފްތާގައި އެގައުމުގައި ކުރިޔަށްދިޔަ އަފްޣާން ސަރުކާރާއި ތާލިބާން ހަނގުރާމަވެރިންގެ ސުލްޙައިގެ ވާހަކަތަކާބެހޭގޮތުން މިހާތަނަށް ތާލިބާން ޖަމާއަތުން އެއްޗެއް ބުނެފައެއް ނުވެއެވެ. މިވާހަކަތަކާބެހޭގޮތުން ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނީ ވާހަކަތައް ކުރިޔަށްދިޔައީ އީޖާބީ ޖައްވެއްގައި ކަމަށާއި ރަމަޟާން މަސް ނިމުމަށްފަހު ވާހަކަތައް އަލުން ފެށުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމުގައެވެ.
ތާލިބާނުންނަކީ އަފްޣާން ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިކަމުގެ ނިޒާމް ގަދަބާރުން ވައްޓާލުމަށް ބަޣާވާތް ކުރަމުން ގެންދާ ޖަމާއަތެއް ކަމަށާއި އެޖަމާއަތް ބަލިވަންދެން އެޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުމަކީ ދީނީގޮތުން އަފްޣާން ސަރުކާރަށް ލާޒިމް ކުރާކަމެއްކަމަށް އަފްޣާން ސަރުކާރަށް ތާއީދުކުރާ އެގައުމުގެ ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
އަފްޣާން ތާލިބާނުން ބުނާގޮތުން އެމީހުން ޖިހާދުކުރަމުން ގެންދަނީ އަފްޣާނިސްތާނުން ބޭރުގެ އިސްތިޢްމާރީ ބާރުތައް ބޭރުކޮށް އެމީހުންގެ އަޅުވެތިކަމުން އަފްޣާނިސްތާން މިނިވަން ކުރުމުގެ މަގްސަދުގައެވެ. ނަމަވެސް އަފްޣާން ބިމުން ބޭރުގެ ބާރުތައް ފާބައިގެންދިޔުމުންވެސް ތާލިބާނުންގެ އަސްކަރީ ހަރަކާތްތަކާއި ބޮންގޮއްވުމާއި މީހުން މެރުމަށް ހިންގާ ހަރަކާތްތަކަށް ކުޑަވެސް ބަދަލެއް ގެނަސްފައެއް ނުވެއެވެ.
ތާލިބާނުންގެ ޙަމަލާތަކުގައި ގިނައިން މަރުވެ ޒަޚަމްވަނީ އަފްޣާން އާންމުންނެވެ. އަފްޣާނިސްތާނަށް ކުރިން އަރައިތިބި ބޭރުގެ ބާރުތަކުގެ ޙަމަލާތަކުގައިވެސް ގިނައިން މަރުވެފައިވަނީ ހަމަކުށެއްނެތް އަފްޣާން އާންމުންނެވެ. އަފްޣާން ސަރުކާރާއި ތާލިބާން ހަނގުރާމަވެރިންގެ ސުލްޙައިގެ ވާހަކަތަކެއް ދާދިފަހުން ނޯވޭގެ ވެރިރަށް އޮސްލޯގައިވެސް ބާއްވާފައިވެއެވެ. (ރޮއިޓާސް)