އަދީބު ނާއިބު ރައީސް ކަމަށް ގެންނަން ރައީސް މައުމޫން ދެކޮޅު ކަމަށް ފަތުރާ ވާހަކަ މައުމޫން ދޮގު ކުރައްވައިފި

ރައީސް މައުމޫން އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް -- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެނައުމަށް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެސެޖެއް ކުރެއްވި ކަމަށް ފަތުރާ ވާހަކަ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ދޮގުކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ނާއިބު ރައީސް ކަމަށް ގެނައުމަށް ރައީސް މައުމޫން ދެކޮޅު ކަމަށް ވިދާޅުވެ، ރައީސް ޔާމީނަށް އެސްއެެމްއެސްއެއް ކުރެެއްވި ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާ ވާހަކައާ ގުޅިގެން ސަން އިން މިއަދު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ އެ ވާހަކައަކީ "ދޮގެއް" ކަމަށެވެ.

"އެއްވެސް ބޭފުޅަކު ނާއިބު ރައީސަކަށް ގެންނަވަން، ނުވަތަ ނުގެންނަވަން އެދި އަޅުގަނޑު ރައީސް އަށް އެސްއެމްއެސްއެއް ފޮނުވާފައެއް ނޯންނާނެ،" ރައީސް މައުމޫން އޯމާންގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވުއެއްގައި މިއަދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައީސް މައުމޫން ވިދާޅުވެފައި ވަނީ ނައިބު ރައީސް ކަމަށް ވަކި ބޭފުޅަކު ގެންނަން އެމަނިކުފާނު ބާރު އަޅުއްވާ ކަމަށް ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށް ވެސް ރައީސް މައުމޫން ކުރިން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވެސް ސަން އަށް ވިދާޅުވީ ރައީސް މައުމޫން ވަކި ބޭފުޅަކު ނައިބު ރައީސް ކަމަށް ގެނައުމަށް މަސައްކަތް ނުކުރައްވާ ކަމަށެވެ.

"ރައީސް ޔާމީން ބޭނުންފުޅުވެލައްވާ ކަމަކަށް ރައީސް މައުމޫން ދެކޮޅެއް ނުހައްދަވާނެ." ޕީޕީއެމް މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެމަގާމުން ވަކި ކުރެއްވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އަދި އެމަގާމަށް ޓޫރިޒަމް މިނިސްޓަރު އަދީބް ގެނައުމަށް އަންނަނީ ކެމްޕެއިން ހިންގަމުންނެވެ.

އެކެމްޕެއިންތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ވަކި ބޭފުޅަކު ނައިބް ރައީސް ކަމަށް ގެނައުމަށް ރައީސް ޔާމީންގެ ވިސްނުން ފުޅުގައި އަދި ނެތް ކަމަށެވެ.

އެހެން ކަމުން ނައިބް ރައީސް ޖަމީލް ވަކިކުރެއްވުމަށް ވެސް އަދި އެމަގާމަށް އެހެން ބޭފުޅަކު ގެނައުމަށް ވެސް ރައީސް ޔާމީންގެ ދައުރެއް މިހާތަނަށް ނެތް ކަމަށް މުއާޒު ވިދާޅުވި އެވެ.

"މިހާރު ހުންނެވި ނައިބު ރައީސް މަގާމުން ވަކިކުރެއްވުން ކަމުގައި ވިޔަސް އެހެން މީހަކު ގެނައުން ކަމުގައި ވިޔަސް ނެތް ރައީސްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް. އެފަދަ އެއްވެސް މަޝްވަރާއެއްގައި ވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައެއް ނުގަންނަވާ،" މުއާޒު މިއަދު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ނައިބް ރައީސްގެ މަގާމު ހުސްވުމުން ނޫނީ ރައީސް ޔާމީން އެމަގާމަށް އިތުރު ބޭފުޅަކު ގެނައުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު