ރައީސް އޮފީހުގެ މިނިސްޓަރު އަމީން އިސްތިއުފާދެއްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު އަމީން ---- ސަން ފައިލް ފޮޓޯ

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާދެއްވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިސްތިއުފާގެ ސިޓީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފޮނުވުމަށް ފަހު އަމީން ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. އަމީން މިހާރު ހުންނެވީ ސްރީލަންކާގަ އެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ އަމީން ޕީޕީއެމާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެވެ.

ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ފުރުއްވާފައިވާ އަމީނަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓުކަން ވެސް ކުރައްވާފައިވާ އަމީނަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިރޭ 'ސަން' އަށް ވިދާޅުވީ އިސްތިއުފާގެ ސިޓީއަކީ ސީދާ ރައީސްގެ އަތްޕުޅަށްދާ އެއްޗެއް ކަމަށާއި "މިވަގުތު ތިއަށް އެއްވެސް އެއްޗެއް ދަންނަވަން ދަތި" ކަމަށެވެ.

އިދިކޮޅު އެމްޑީޕީއާ އެކު ސަރުކާރުން ކުރާ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ޓީމްގައި ވެސް އަމީން ހިމެނިވަޑައިގަންނަވަ އެވެ.

ސަރުކާރާއި އެމްޑީޕީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އަމީން ---- ސަން ފޮޓޯ: އަލީ ނަސީރު

އަމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅި، ދައުވާނުކޮށް އޮންނަތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އަމީންގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމަން ހަވާލުކުރި ކުންފުންނިން ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާފައި ނުވުމުން، ސަރުކާރުން އެ ކުންފުނި ޖޫރިމަނާ ކުރުމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށް ބުނެ އަމީން ޖޫރިމަނާ މައާފްކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.

އެ މައްސަލައާ ގުޅިގެން އަމީން ވިދާޅުވެފައި ވަނީ ކުރާ ކޮންމެ ތުހުމަތަކަށް ސާބިތުކަމާ އެކު ކުރިމަތިލައްވާނެ ކަމަށެވެ. އަދި ނުރަނގަޅު ނުފޫޒުތަކުގެ ބާރުން ޝަޚުސިއްޔަތު ކަތިލުމަށް ކުރާ ކަންކަމުގެ ސަބަބުން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް