ޙަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫޢު ރަސްގެފާނު އިފްތިތާޙްކޮށްދެއްވައިފި

މައްކާގެ ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ

މައްކާ (ޖުލައި 12) : މައްކާގެ ޙަރަމްފުޅު ބޮޑުކުރުމަށް ސައޫދީ ސަރުކާރުން ހިންގަމުން ގެންދާ ބިޔަ މަޝްރޫޢުގައި ހިމެނޭ ތިންވަނަ ބައި ބިނާކޮށް ނިމުމާ ގުޅިގެން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު، ރޭ އެބައި އިފްތިތާހް ކޮށްދެއްވައިފި އެވެ.
އަލަށް ބިނާކުރި މިބައަކީ ހަތަރު ލައްކަ ހަތްދިހަ އަކަމީޓަރުގެ ސަރަހައްދެކެވެ. މިތަނުގައި 1.8 މިލިޔަން މީހުންނަށް ނަމާދުކުރެވޭނެ ކަމަށްވެ އެވެ. މާތްވެގެންވާ މައްކާގެ ޙަރަމްފުޅު ބޮޑުކުރުމަށް ސައޫދީ ސަރުކާރުން ހިންގަމުން ގެންދާ ބިޔަ މަޝްރޫޢުގައި ތަވާފް ކުރާބައި ބޮޑުކުރުން ވެސް ހިމެނެ އެވެ. މިގޮތުން އެއްފަހަރާ އެއްލައްކަ ހަތްހާސް މީހުންނަށް ތަވާފް ކުރެވޭވަރަށް ތަވާފްގެ ބައި ބޮޑުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ތަވާފްގެ ބަޔަށް ބޮޑުކުރާ ސަރަހައްދުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ރަމަޟާން މަހަށް އެބައި ވެސް ހުޅުވުމަށް ވަނީ އަމާޒު ކަނޑައަޅާފަ އެވެ.


މައްކާގެ ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ފުރަތަމަ ފެއްޓެވީ މުސްލިމުންގެ ދެވަނަ ޚަލީފާ ކަމަށްވާ އުމަރުބިން ޚައްތާބުގެ ޚިލާފަތުގެ ދުވަސްވަރުގަ އެވެ. އެއަށް ފަހު އިސްލާމީ ތާރީޚުގެ އެކި މަރްހަލާތަކުގައި އެކަން ކުރަމުން ގެންގޮސްފައިވެ އެވެ. މިހާރު ހަރަމްފުޅު ބިނާކުރަމުންގެންދާ ޒަމާނީ ފެންވަރުގައި ބިނާކުރުމުގެ މަރްޙަލާތައް ވެސް އައިސްފައިވަނީ މަޑުމަޑުން އެކިފަހަރުމަތިންނެވެ.


ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ކޮންމެ ދުވަސްވަރެއްގައި ވެސް ކުރަމުން ގެންގޮސްފައި ވަނީ އިސްލާމީ މިޢްމާރީ ފަންނުތަކާއި އިސްލާމީ ޑިޒައިންތަކާ އެއްގޮތަށެވެ. މައްކާގެ ޙަރަމްފުޅު ބޮޑުކުރުމަށް ސައޫދީ ސަރުކާރުން މިހާރު ހިންގަމުން ގެންދާ ބިޔަ މަޝްރޫޢު ފަށާފައިވަނީ އެންމެފަހުން އަވަހާރަވި ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒްގެ ރަސްކަމުގަ އެވެ. މިއީ މައްކާގެ ޙަރަމްފުޅު ބޮޑުކުރުމަށް މުޅި އިސްލާމީ ތާރީޚުގައިވެސް ހިންގާފައިނުވާފަދަ ބޮޑު ބިޔަ އަދި ޚަރަދުބޮޑު މަޝްރޫއެކެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު