ސީއެމްޑީއޭގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓްޖިކް ޕްލޭން އިފްތިތާހުކޮށްފި

އިކޮނޮމިކް މިނިސްޓަރު ސައީދު، ސީއެމްޑީއޭގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓްޖިކް ޕްލޭން ލޯންޗްކޮށްދެއްވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓްޖިކް ޕްލޭން މިއަދު ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ސީއެމްޑީއޭގެ ސްޓްރެޓްޖިކް ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ރަސްމިއްޔާތުގައި ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވީ އެންމެ އިސްކަންދޭނެ ހަތަރު ދާއިރާއެއް ސްޓްރެޓްޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އާންމުންނަށް ފައިސާ ހޯދުމުގެ އާ ފުރުސަތުތައް ހޯދައިދިނުމާއި އިންވެސްޓްމަންޓްގެ އާ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ކެޕިޓަލް މާކެޓްގައި ހަރަކާތްތެރިވާ ފަރާތްތައް ހޭލުންތެރި ކުރުވުމާއެކު ސްޓޭކްހޯލްޑަރުންނާ އެކު އޮންނަ ގުޅުން ބަދަހިކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި "އެކްސަސް ޓު ފައިނޭންސް" ނުވަތަ އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ދިވެހިރާއްޖޭގައި 10،000 އަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް ފަންޑެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެފަދަ ވިޔަފާރިތަކަށް ފައިސާ ހޯދުމަށް ފަހިވެފައިވާ ހަމައެކަނި މަގަކީ ބޭންކުން ލޯނުހޯދުން. މިފަދައިން ބޭންކު މެދުވެރިކޮށް ލޯނުހޯދަން ދަތިތަކެއް ކުރިމަތިވާތީ އެކި ފަރާތްތަކުން އެކަން ފާހަގަކުރަމުން އެބަދޭ. މިކަމަށް ލުޔެއް ހޯދައިދިނުމަށް އެސްއެމްއީ އިންވެސްޓްމަންޓް ފަންޑުގެ ނަމުގައި ފަންޑެއް ގާއިމްކޮށް މި ޕްލޭންގައި އެކަން ކުރާނެގޮތް ހާމަކޮށްފައިވާނެ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް އިގްތިސޯދު ރަނގަޅުވާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. ހަމައެއާއެކު ކުންފުނިތަކުގެ ފައިދާތައް އިތުރުވާން ފަށާފައިވާ ކަމަށާއި، އިތުރަށް ރަނގަޅު ބަދަލުތައް ގެނައުމަށް ފައިދާ ހޯދޭނެ އަދި ރައްކާކުރެވޭނެ އާ ގޮތްތައް ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށް ނަސީރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިން މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލީ ދާއިރާ ވީހާވެސް ޒަމާނީކުރުން ކަމަށެވެ. އެގޮތުން ބޭންކިން ސެކްޓާގެ އިތުރުން ކެޕިޓަލްމާކެޓް ތަރައްގީކުރަން ޖެހޭ ކަމަށާއި ކެޕިޓަލްމާކެޓާ ނުލައި ބޮޑަތި ކުންފުނިތަކުގެ ކުރިމަގު އުޖާލާ ކޮށްދިނުމަކީ އުނދަގޫ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުންފުނިތައް ބޭނުންވަނީ ޒަމާނީ މާލީ ވަސީލަތްތަކެއް. ޕެންޝަން އަދި އިންޝުއަރެންސް ފަންޑުތަކާ އަދި އެހެނިހެން އިންޝުއަރެންސް ފަންޑުތަކަށް ރާއްޖެއަށް ތައާރަފުކުރުމަށްޓަކާ ހުޅުވާލެވެން އޮތް ދޮރަކީ މިއީ. ރާއްޖޭގައި ހުރި ފުރުސަތުތަކަށް ބަލާލާއިރު، ޓުއަރިޒަމް ކޮންސްޓްރަކްޝަން ފަދަ ދާއިރާތައް މެދުވެރިކޮށް އެކި ބަވަތުގެ ފަންޑުތައް އިންވެސްޓްކުރެވިދާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް