އޭޝިއާއިން ޒިޔާރަތްކުރާ ފަތުރުވެރީންނަށް ރަނގަޅު ގޮތުގައި ޔޫރަޕްގެ ފާޚާނާ ނިޒާމް ބޭނުންކުރަން ނޭނގޭ ކަމަށް ބުނެ، ސްވިޒަލޭންޑްގައި އޭޝިއާ ފަތުރުވެރީންނަށް ހާއްސަކޮށްގެން ޕޯސްޓަރުތަކެއް ތައާރަފްކޮށްފި އެވެ.
ޔޫރަޕްގައި ސާފުތާހިރުކަމަށް އެންމެ ބޮޑަށް ބާރުއަޅާ އެއް ގައުމު ކަމަށްވާ ސްވިޒަލޭންޑްގެ ލޭކް ލޫސާންގެ މައުންޓް ރިގީ ރެއިލްވޭގައި ތައާރަފްކުރި ޕޯސްޓަރުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ޑެއިލީ އެކްސްޕްރެސްގައި ބުނެފައި ވަނީ، އެފަދަ ކުރެހުންތަކެއް ތައާރަފްކުރީ، މެދުއިރުމަތީގެ ބައެއް ގައުމުތަކާއި އިރުދެކުނު އޭޝިއާގެ ގައުމުތަކުން ސްވިޒަލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރީން، ތިރި ތަށީގައި ތިބޭގޮތަށް އުސްތަށި މައްޗަށް އަރައިތިބެ ކުޑަކަމު އަދި ބޮޑުކަމުދިއުމާއި، ތާހިރުވުމަށް ފަހު، ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ވެސް ޑަސްބިނަށް އެޅުމުގެ ބަދަލުގައި ފާޚާނާ ތެރެއަށް އުކާލާފައި ދިއުން ފަދަ ނުރަނގަޅު އަމަލުތައް ހިންގާތީ ކަމަށެވެ.
"އެފަދަ ކަންކަން ހިގަނީ، ގެސްޓުން މިހަދާގޮތަކީ ތަށިމައްޗަށް އަރައި އެމީހުން ބޭނުން ކަންތައް މިކުރަނީ – ދެން ބޭނުންކޮށްފައި ހުންނަ ޓީޝޫ ފަދަ ތަކެތި ވެސް އަޅަންޖެހޭތަން އެމީހުންނަކަށް ނޭނގެ،" ސްވިޒަލޭންޑްގެ ނޫހެއް ކަމަށްވާ "20 މިނުޓެން"އަށް މައުލޫމާތުދެމުން އެގައުމުގެ ރެއިލްވޭގެ މާކެޓިން މާކެޓިން ޑައިރެކްޓަރު ރޮޖާ ޖޮސް ވިދާޅުވި އެވެ.
އެ ނޫހުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ޗައިނާއާއި ކޮރެއާއިން ސްވިޒަލޭންޑަށް ޒިޔާރަތްކުރި ބައެއް ފަތުރުވެރީން ބުނީ، އެފަދަ ކެމްޕޭނެއް ހިންގުމުގެ ބޭނުމެއް ނެތްކަމަށާއި އެމީހުންނަށް ވިލާތުމީހުންގެ ފާޚާނާގެ ނިޒާމް ރަނގަޅަށް ބޭނުންކުރަން އެނގޭ ކަމަށެވެ.
އެހެން ނަމަވެސް، ލޭކް ލޫސާންގެ ރީޖަނަލް ޓޫރިސްޓް އޮފީހުގެ ވެރިޔާ، މާސެލް ފިއުރާ ވިދާޅުވީ، ގަލްފު ސަރަހައްދާއި އޭޝިއާގެ ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ވިލާތު މީހުންގެ ދިރިއުޅުގެ ވައްޓަފާޅި ރަނގަޅަށް ނޭނގޭ ކަމަށެވެ.
"ބައެއްފަހަރު ފާހާނާ ތަށީގެ ތެރެއަށް ކުޑަކަމު ދިއުމުގެ ބަދަލުގައި ފާޚާނާތެރެއަށް [ފެންވަރާ ތަނަށް] އެބަ ކުޑަކަމުދޭ،" އޭނާ ވިދާޅުވި އެވެ.
ޔޫރަޕްގެ ނޫސްތަކުން ބުނާ ގޮތުގައި އޭޝިއާ ފަތުރުވެރީންގެ ފަރާތުން އެފަދަ ސާފުތާހިރުކަމުގެ މައްސަލަތަށް ކުރިމަތިވަނީ ހަމައެކަނި ސްވިޒަލޭންޑަށް އެކަންޏެއް ނޫނެވެ. އެގޮތުން މިދިޔަ މާޗު މަހުގެ އިނގިރޭސި ވިލާތުގައި ވެސް ވަނީ، އޭޝިއާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން، ފާޚާނާ ތަށިމަތީގައި ރީއްޗަށް އިށީނދެ ތިބުމަށާއި ތަށިމަށްޗަށް ކޮށްޅަށް ނޭރުމަށާއި ފައިން ފްލަޝް ކުރުމުގެ ބަދަލުގައި އަތް ބޭނުންކޮށްގެން ފްލަޝް ކުރުން ފަދަ ކަންކަމަށް އިރުޝާދުދީ ލިޔުންތައް ހަރުކޮށްފައި ވެ އެވެ.
ދޮރުގެ އަތްގަނޑު ބޭނުންކޮށްގެން ފާޚާނާ ދޮރު ލެއްޕުމަށާއި، ދޮރުގެ އަތްގަނޑުގައި ޓިޝޫ ރޯލް ނޭޅުވުމަށާއި ފާޚާނާތެރޭގައި ހުންނަ ސިންކުން އަތާއި މޫނު ދޮވުން ނޫން އެހެން ކަންކަން ނުކުރުން ފަދަ ކަންކަމަށް އިރުޝާދުދީފައިވެ އެވެ.