ޖަމާއަތުގައި ވިތުރި ކުރުމަކީ ބިދުއައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އައް ޝައިޚު މުޙައްމަދު ރަޝީދު އިބުރާހީމް ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހުގެ ރޭތައް އިޙުޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކޮންމެ ހުކުރު ހޯމަ ވިލޭރެއަކު ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ތަޤުރީރު ކުރައްވަމުން ޝައިޚު ވިދާޅުވީ އިމާމުވެވަޑައިގެން ވިތުރި ކުރެއްވުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި ކަމެއް ނޫން ކަމަށެވެ.
"...ދުވަހަކުވެސް މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަމާޢަތުގައި ވިތުރިއެއް ނުކުރައްވާ. އެކަލޭގެފާނު ތަރާވީޙު ނަމާދު ކުރެއްވި ކަމަށް ސައްޙަ ޙަދީޘުން އެނގެނީ ދެރޭ ނުވަތަ ތިން ރޭ. ކުރައްވާފައި އޭގެ އަނެއް ދުވަހު ނުކުމެވަޑައި ނުގަތީމާ، ތަރާވީޙު ނަމާދު ކުރައްވަން، އަޞްޙާބު ބޭކަލުން ސުވާލު ކުރެއްވީމާ އެކަލޭގެފާނު ޙަފީޘްފުޅު ކުރައްވަނީ، ތިމަން ކަލޭގެފާނު މީސްތަކުންނާއިގެން ތަރާވީޙު ކުރެއްވުން މަތީ ދެމި ހުންނަވައިފި ނަމަ މާތް ﷲ ( ތަރާވީޙު ނަމާދު ) މިއުއްމަތަށް ފަރުޟު ކުރައްވާފާނެ ކަމުގެ ބިރު ބޮޑު ކަމުން ތިމަން ކަލޭގެފާނު، އެއީ ތިޔަބައިމީހުންނަކަށް ކުޅަދާނައެއް ނުވާނޭ، ތިމަން ކަލޭގެ ފާނު ނުކުމެވަޑައި ނުގަތީ،" ޝައިޚު ވިދާޅުވިއެވެ.
ޝައިޚު ވިދާޅުވީ އިމާމާ ވިތުރި ކުރަން ތެދުވީމާ އެއީ ތަރާވީހު ނަމާދުކަމަށް ބަލައިގެން، އިމާމާ އެއް ރަކުޢަތް ކުރުމުން އަމިއްލައަށް އަނެއް ރަކުޢަތް ކުރުމަށް ބައެއް މީހުން ފަތުވާ ދޭ ކަމަށާއި އެއީ ބިދުޢައެއް ކަމަށެވެ.
"... މީކީ ކުރެވޭނެ ކަމެއް ނޫން. އެއްވެސް ޙާލެއްގައި މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތު ނުވާކަމެއް އަޅުގަނޑުމެން އަމިއްލައަކަށް އެއީ ރަނގަޅު ކަމަކަށް ހަދައިގެން ނުކުރެވޭނެ،" ޝައިޚު ވިދާޅުވި އެވެ.