ބާޒާރުގައި މަހުގެ އަގުތައް ދަށަށް ޖެހިލައިފި

މަސް މާރުކޭޓުގައި މަސް ވިއްކަން ގެއްދިއުމަށް ތައްޔާރުވެފައި ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރޯދަމަހުގެ ފުރަތަމަ ހަފްތާއާ އަޅާ ބަލާ އިރު މާލޭގެ މަސް މާރުކޭޓުގައި މަސް ވިއްކާ އަގުތައް ދަށަށް ޖެހިލައިފި އެވެ.

އާންމުކޮށް ބަދިގޭގައި ކައްކަން ބޭނުންކުރާ ކަނޑުމަހުގެ ބާވަތްތައް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ވިއްކި އަގުތަކަށް ބަލާ އިރު، މަހަކުން އެވްރެޖްކޮށް 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވަނީ ތިރިވެފަ އެވެ.

ބަދިގެ ތެރޭގައި އާންމުކޮށް ކައްކަން ބޭނުންކުރާ ބާވަތްތަކަށް ބަލާ އިރު ލައްޓިމަސް މީގެ ކުރިން އެއްގޮތަކަށް ވެސް ނެތެވެ. ނަމަވެސް މިއަދު 40 ރުފިޔާއަށް އާދައިގެ ކުޑަ ލައްޓިއެއް ވިއްކަ އެވެ. ދެ ކިލޯ ހަމަވާވަރުގެ ކަޅުބިލަމަހެއް މީގެ ކުރިން 280 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު ވިއްކަނީ 120 ރުފިޔާ އާއި 140 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

މަސް މާރުކޭޓުގައި މަސް ވިއްކަން ބަހައްޓާފައި----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ފޫޓެއް ހަމަވާވަރުގެ ކަންނެލިމަހެއް އުޅެނީ 120 ރުފިޔާ އަށެވެ. ނަމަވެސް މީގެ ކުރިން އެވަރުގެ ކަންނެއްޔެއް ވިއްކީ 150 ރުފިޔާ އަށެވެ. ފަޅާފައި ހުރި އާދައިގެ ކަންނެލި މަސްބުރިއެއް 50 ރުފިޔާއަށް ލިބެން ހުރި އިރު، ފޫޓެއް ހުންނަވަރުގެ ކަޅުބިލަމަހެއް ހަތަރުފަޅިއަށް ފަޅާލާފައި ފަޅިއެއް ވިއްކަނީ 30 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އަދި މުށިމަހެއް 10 ރުފިޔާއަށް ހުރިއިރު، ރެހި ޖޯޑެއްގެ އަގު އުޅެނީ ވެސް 10 ރުފިޔާ އަށެވެ.

މަސް މާރުކޭޓުގައި މަސް ވިއްކަން ބަހައްޓާފައި----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ފަރުމަހުގެ ބާވަތްތަކަށް ބަލާ އިރު، އާދައިގެ ގިއުޅެއް 70 ރުފިޔާއަށް ލިބެ އެވެ. ފޫޓެއް ހަމަވާވަރުގެ އާދައިގެ ހަންޖެއް 80 ރުފިޔާއަށް އަދި އެއަށް ވުރެ ބޮޑަތި މުޑަހަންޖެއްގެ އަގު އުޅެނީ 180 ރުފިޔާ އަށެވެ. އާދައިގެ ސައިޒެއްގެ ރަތްމަހެއް ހުރީ 250 ރުފިޔާ އަށެވެ. ފޫޓަކަށް ވުރެ ކުދި ރަތްމަސް ނެތްކަން ފާހަގަކޮށްލެވެ އެވެ. ފަރުމަހުގެ ބާވަތްތަކުން ވެސް އެވްރެޖްކޮށް 50 ރުފިޔާ ވަނީ ދަށްވެފަ އެވެ.

މާނިޔަމަހެއް 300 ރުފިޔާ އަށް ހުރި އިރު އެކި ސައިޒުގެ ގިނިމަސް އުޅެނީ 25 ރުފިޔާ އާއި 40 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި އެއް ފޫޓާބައި ހުންނަ ވަރުގެ ކަށިތުނބި މަހެއް އުޅެނީ 150 ރުފިޔާއަށެވެ.

އަގުތައް ދަށްވި ނަމަވެސް ބާޒާރުގައި މަހުގެ ބާވަތްތައް މަދުކަން ފާހަގަކޮށްލެވެ އެވެ. އަދި ބާޒާރުގައި މަސް ވިއްކަން ތިބި މަސްވެރިން ބުނާގޮތުން މިދުވަސްވަރު ދަށެވެ.

comment ކޮމެންޓް