ފުލައި ދުބާއީ އިން 160 ޑޮލަރަށް ލަންކާ އާއި ރާއްޖެ އާއި ދެމެދު ދަތުރުތައް ފަށަނީ

ދުބާއީގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ފުލައި ދުބާއީ އިން މާލެ އާއި ކޮލޮމްބޯއާ ދެމެދު ދެކޮޅު ޓިކެޓް 160 ޑޮލަރަށް (2467 ރުފިޔާ އަށް) އަށް ވިއްކަން ފެށުމަށް ނިންމައިފި އެވެ.

ފުލައި ދުބާއީގެ ރާއްޖޭގެ އެޖެންޓް އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ސަން އަށް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެ ދަތުރުތައް ފެށުމަށް ނިންމާފައިވާ އިރު ކޮންމެ ހަފްތާއަކު ލަންކާއާއި ރާއްޖެ އާއި ދެމެދު ރިޓާން ތިން ދަތުރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"ހަޔަސްޓް ފެއާ މިއުޅެނީ 160 ޑޮލަރަށް ރިޓާން، ލޯކަލް ކެރިއާސްވީމަ މީލްސްއެއް ޕުރޮވައިޑެއް ނުކުރާނަން، އެކަމަކު ޕެކޭޖް އިންކުލޫޑްވެފައި އިންނާނީ،" ފިރާގު ވިދާޅުވި އެވެ.

އާންމުކޮށް ލަންކާ އާއި ރާއްޖެއާ ދޭތެރޭ ދަތުރުކުރާ ފަރާތްތަކުން ޓިކެޓެއް ވިއްކަމުން އަންނަނީ 180 ޑޮލަރަށް ވުރެ އަގުބޮޑުކޮށެވެ.

ފިރާގު ވިދާޅުވީ އެދަތުރުތަކުގައި ބޭނުންކުރަން ނިންމާފައި ވަނީ 737-800 މަރުކާގެ ބޯޓްތަކެެއް ކަމަށާއި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޓިކެޓު ވިއްކަން ފަށާނެ ކަމަށެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.

ފްލައި ދުބާއީއަކީ ފުޅާދާއިރާގެ އެއްގައި ހިންގަމުންދާ އެއާލައިނެކެވެ. އެގޮތުން އެއެއާލައިނުން މިހާރު ވެސް އަންނަނީ 97 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ.

comment ކޮމެންޓް