ދޮންކޭލުގެ އަގު އަދި ވެސް އަތްނުފޯރާ ފަށުގައި

ދޮނކެޔޮ ގަނޑެއް މީހަކު ގެންދަނީ. ބާޒާރުގައި މިވަގުތު ހުރި އެއްމެ އަގުބޮޑު އެއް ބާވަތަކީ ދޮންކެޔޮ -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ރޯދަ މަހާއެކު ކޮންމެ އަހަރަކުވެސް އެއްމެ ބޮޑަށް އަގުއުފުލޭ އެއް ބާވަތަކީ ދޮންކޭލެވެ. މިއަހަރުވެސް ކަން ހިނގީ ހަމައެގޮތަށެވެ. އެހެން ބާވަތްތަކުގެ އަގުމައްޗަށް ދިޔަ މިންވަރާއި އަޅައިބަލާއިރު މިފަހަރު ދޮންކޭލުގެ އަގުހުރީ ވަރަށް މަތީގައެވެ. އާއްމުކޮށް ހުރީ 15 ރުފިޔާއަށް ދެ ވަކެވެ.

މިއީ ކުރީ ރޯދަމަހާއި އަޅައިބަލާއިރު ވެސް ބޮޑު އަގެކެވެ. މިދިޔަ ރޯދަ މަހު ފަސް ރުފިޔާއަށް ހަތަރު ރުފިޔާއަށް ދޮންކެޔޮވަކެއް ލިބެން ހުއްޓެވެ.

ބާޒާރު މަތީގައި ގޮޅިއެއް ހިންގާ ދެކުނު ރަށަކަށް ނިސްބަތްވާ މީހަކު ބުނިގޮތުގައި ދޮންކޭލުގެ އަގު ބޮޑުވެގެން މިއުޅެނީ އަތޮޅުތެރޭން ދޮންކެޔޮ މާލެ ގެންނަވަރު މަދުވުމުން ކަމަށެވެ.

"އާއްމު ކޮށް ދޮންކެޔޮ މި ގެންނަނީ ހުވަދޫ އައްޑޫ ފުވައްމުލަކުން. މިހިސާބުގެ ބޯޓްތައް ނާންނާތީ ދޮންކެޔޮ ވަރަށް މަދުން ލިބެނީ،" އެ މީހާ ބުންޏެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ދަތުރުނުކުރުމަކީ ދެކުނުގެ ބޯޓްފަހަރު ތަކުގެ އާދެއެކެވެ. ރާއްޖޭގެ އެހެން ހިސާބުން ވެސް ދޮންކެޔޮ ގެނެއެވެ. އެހެންނަމަވެސް ނިސްބަތުން މަދުންނެވެ. މި ސަބަބާ ހެދި ދޮންކޮޔެ ގަނޑެއްގެ އަގު ހާހެއްހާ ރުފިޔާއަށް ވަނީ އަރާފައެވެ.

ލޯކަލް މާރުކޭޓް ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ދޮންކެޔޮގަނޑުތަކެއް -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

މާލެ ތެރޭގެ ބައެއް ފިހާރަތަކުން އިންޑިއާ ކެޔޮ 50ރ އަށް ކިލޯއެއްގެ ރޭޓުން ވެސް ވިއްކަމުން އެބަދެއެވެ. ބޭރު ކެޔޮ ނަމަވެސް އަގު ހުރީ ވަރަށް މަތީގައެވެ.

ކުރިއަށް އޮތްތަނުގައި އަގު ތިރިވާނެ

ދެކުނުގެ ބޯޓްތައް މާލެއަށް އައުމުން ދޮންކޭލާއި އަދި ވެސް ބައެއް ބާވަތްތަކުގެ އަގު ކުޑަވާނެ ކަމަށް ބާޒާރުމަތީ ގޮޅި ހިންގާ ފަރާތަކުން ބުންޏެވެ.

" މިހާރު ބައެއް ބޯޓްތައް އެދަނީ ދަތުރުކުުރަމުން. އަނެއް ބައި ބޯޓްތައް ވަރަށް އަވަހަށް ދަތުރަށް ފަށާނެ،" އެ މީހާ ބުންޏެވެ.

ދޮންކެޔޮ ގަންނަން ބޭނުންވާ ފަރާތްތަކަށް މުސްތަގުބަލުގައި މިއަށްވުރެ އަގުހެޔޮކޮށް ދޮންކެޔޮ ލިބޭނެއެވެ. އެހެންނަަވެސް ދޮންކޭލުގެ އަގު މާބޮޑަށް ހެޔޮވާނެ ކަމަށް ވިސްނުމަކީ ގޯހެކެވެ.

comment ކޮމެންޓް