މި ދުވަސްވަރު އާދައިގެ ވަރަކަށް މަސްވެރިކަން ރަނގަޅު ނަމަވެސް، ބާޒާރުގައި މަހުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
އެގޮތުން އާންމުކޮށް މަހުގެ އަގުތައް ހުންނަ އަގާ އަޅައިބަލާއިރު މަހުގެ އަގުތައް ވަނީ 150 އާއި 200 ރުފިޔާ އާއި ދެމެދުގެ އަގުތަކެއް މައްޗަށް ޖެހިލާފަ އެވެ. ނަމަވެސް މަސް ވިއްކަން ތިބި ބައެއް މަސްވެރިން ބުނާ ގޮތުން ނަމަ "މަސްވެރިކަން އާދައިގެ ވަރެކެވެ".
މަސް މާރުކޭޓުގައި މަސް ވިއްކަން ބަހައްޓާފައި ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ބަދިގެތެރޭގައި އާންމުކޮށް ކައްކަން ބޭނުންކުރާ ބާވަތްތަކަށް ބަލައިލާއިރު، ލައްޓި އެއްގޮތަކަށް ވެސް ނެތްކަން ފާހަގަކުރެވެ އެވެ. ގާތްގަނޑަކަށް ހަތަރު ކިލޯގެ ބަރުދަން ހުންނަ ވަރުގެ ކަޅުބިލަމަހެއް 280 ރުފިޔާ އަށް ހުރިއިރު، ފޫޓެއް ހަމަވާވަރުގެ ކަންނެލިމަހެއް އުޅެނީ 150 ރުފިޔާ އަށެވެ.
މަސް މާރުކޭޓުގައި މަސް ވިއްކަން ބަހައްޓާފައި ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ފަޅާފައި ހުރި އާދައިގެ ކަންނެލި މަސްބުރިއެއް 90 ރުފިޔާއަށް ލިބެން ހުރިއިރު، ފޫޓެއް ހުންނަވަރުގެ ކަޅުބިލަމަހެއް ހަތަރުފަޅިއަށް ފަޅާލާފައި ފަޅިއެއް ވިއްކަނީ 40 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އަދި މުށިމަހެއް 10 ރުފިޔާއަށް ހުރިއިރު، ރެހި ޖޯޑެއްގެ އަގު އުޅެނީ 15 ރުފިޔާ އަށެވެ.
މަސް މާރުކޭޓުގައި މަސް ވިއްކަން ބަހައްޓާފައި ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ފަރުމަހުގެ ބާވަތްތަކަށް ބަލާލާއިރު، އާދައިގެ ގިއުޅެއް 80 ރުފިޔާއަށް ލިބެއެވެ. ފޫޓެއް ހަމަވާވަރުގެ އާދައިގެ ހަންޖެއް 100 ރުފިޔާއަށް އަދި އެއަށްވުރެ ބޮޑަތި މުޑަހަންޖެއްގެ އަގު އުޅެނީ 200 ރުފިޔާއަށެވެ. އާދައިގެ ސައިޒެއްގެ ރަތްމަހެއް ހުރީ 300 ރުފިޔާއަށެވެ. ފޫޓަކަށްވުރެ ކުދި ރަތްމަސް ނެތްކަން ފާހަގަކޮށްލެވެ އެވެ.
މަސް މާރުކޭޓުގައި މަސް ވިއްކަން ބަހައްޓާފައި ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މާނިޔަމަހެއް 300 ރުފިޔާއަށް ހުރިއިރު އެކި ސައިޒުގެ ގިނިމަސް އުޅެނީ 30 ރުފިޔާ އާއި 50 ރުފިޔާ އާއި 80 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި އެއްފޫޓާބައި ހުންނަ ވަރުގެ ކަށިތުނބި މަހެއް އުޅެނީ 150 ރުފިޔާއަށެވެ.