އެޗްއާރްސީއެމްގެ މެމްބަރުން އަމަލުކުރާނެ ގައިޑުލައިނެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުން އަމަލުކުރާނެ ގައިޑުލައިނެއް ކަނޑައަޅައި އެއާ ޚިލާފު ނުވުމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމް ކޮށްފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރުންނާ ދެކޮޅަށް ސުޕުރީމް ކޯޓުން ސުމޯޓޯ މައްސަލައެއް ބެލުމަށްފަހު މިރޭ އިއްވި ހުކުމްގައި އެޗްއާރްސީއެމްގެ މެމްބަރުން އަމަލުކުރާނެ 11 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ގައިޑްލައިން ވަނީ ކަނޑައަޅާފައެވެ.

އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ބަލަން ފަށާފައި ވަނީ އެ ކޮމިޝަނުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ފޮނުވި "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ އެވެ.

ސުޕުރީމު ކޯޓުން އެކުލަވާލި ގައިޑްލައިންގައި ވާގޮތުން އެޗްއާރުސީއެމްގެ ފަރާތުން ހިންގާ ހުރިހާ ކަމެއް ހިންގަން ވާނީ އެކަން ހިނގަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ކަށަވަރުކުރުމަށް ފަހު އެވެ. އަދި އިންސާނީ ހައްގުގެ ދިފާއުގައި ކުރާ ކޮންމެ ކަމަކީ ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަމަށް ބުރޫއެރިޔަ ނުދޭން ކުރެވޭ ކަމަކަށްވާން ޖެހޭނެ ކަމަށްވެސް އެ ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމުން ހިންގާ ހުރިހާ ޕްރޮގްރާމްތަކަކީ ވެސް ގާނޫނީގޮތުން އެހެން ފަރާތްތަކަށް ބުރޫ ނާރާނެ ގޮތަކަން ހިންގޭ ޕްރޮގްރާމްތަކަކަށް ވާންޖެހޭނެކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ. އަދި އަދުލުއިންސާފުގެ ނިޒާމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް އަދި ޝަރުއީދާއިރާއަށް ބުރޫއަރާނެ އެއްވެސް ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެޗްއާރްސީއެމްގެ މެމްބަރުންނަށް ވަނީ އަންގާފައެވެ.

ޔޫޕީއާރު ރިޕޯޓުގައި ސުޕްރީމް ކޯޓުގެ އިހްތިސާސް އޮޅޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވަނީ ގާނުނޫ އަސާސީއާއި ގާނޫނުތަކާއި އަދި އެޗްއާރުސީއެމްގެ ގަވައިދާވެސް ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.

އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ އިހްތިސާސް ގެއްލޭ ފަދަ އެއްވެސް ވާހަކައެއް އެފަދަ ރިޕޯޓެއްގައި ހިމެނުމުގެ ގާނޫނީ ހައްގެއް އެޗްއާރުސީއެމަށް ލިބިގެން ނުވާ ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ.

އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށް ނިންމައި މީގެ ކުރިން ވެސް އެ ކޯޓުން ވަނީ އެފަދަ ޝަރީއަތެއް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ މައްޗަށް ހިންގައިފަ އެވެ.

އެ މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ވަނީ އެ މެމްބަރުންގެ މަގާމް ގެއްލިފައިވާ ކަމަށް ނިންމައި، ހަ މަހަަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރުން ވަނީ ފަސްކޮށްފަ އެވެ.

comment ކޮމެންޓް