ޗައިނާއާ އެކު ކުރަމުން އަންނަ އެންމެބޮޑު މަސައްކަތަކީ ފްރީ ޓްރޭޑް އެގްރީމެންޓަކަށް ވަނުން: ސައީދު

ރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ ------ ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޗައިނާ ނުވަތަ "ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި މާކެޓް" އާއިއެކު ކުރެވެމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ ފްރީ ޓްރޭޑް އެގްރީމެންޓަކަށް ވަނުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލަފާޖް ކުންފުނިން ތިލަފުށީގައި ބަހައްޓާފައިވާ ސައިލޯތަކަށް، ސައިލޯއެއް އިތުރުކޮށް ބޭނުންކުރަން ފެށުމަށް ރޭ ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ފްރީޓްރޭޑް އެގްރީމެންޓަކަށް ވަނުމަށް މަސައްކަތް ކުރައްވާއިރު، ދެގައުމުގެ ދެމެދުގައި ވާހަކަދެކެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކުރަމުން އަންނަ އެންމެބޮޑު އެއް މަސައްކަތަކީ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި ބާޒާރާއެކު ފްރީ ޓްރޭޑް އެގްރީމެންޓަކަށް ވަނުން. ޗައިނާއާ އެކު އެފަދަ އެގްރީމެއްޓެއްވުން. ވަންނަ ވަނުމުގައި އަޅުގަނޑުމެންނަށް ފައިދާވާނެ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެގޮތުން ވާހަކަދައްކާ އެއްކަމަކީ ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ހެޔޮއަގެއްގައި ލިބޭނެގޮތެއް މަގުފަހިވެގެން ދޭތޯ ކުރާ މަސައްކަތް ކަމަށެވެ. އަދި އަނެއް ވާހަކައަކީ މަސް ނުވަތަ ރާއްޖޭގައި އުފައްދާ މަހުގެ އުފެއްދުންތައް އެއްވެސް "ޓެރިފެއް" ނުނަގައި ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް ވިއްކުމުގެ ފުރުސަތު ހޯދުމަށް ކުރާ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތުގައި މި އަހަރު ތެރޭގައި ވަނީ މައިގަނޑު މުހިންމު ދެ މަސައްކަތެއް ކުރެވިފައި ކަމަށާއި އޮގަސްޓްމަހުގެ ތެރޭގައި ފްރީ ޓްރޭޑް އެގްރީމެންޓަކަށް ވަނުމުގެ މުހިންމު ރަސްމީ ވާހަކަތައް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކާމިޔާބުވެއްޖެ ނަމަ މީގެކުރިން ރާއްޖޭގެ ތާރީހުގައި ހާސިލްނުކުރެވޭ، މުހިންމު ވިޔަފާރީގެ ބޮޑު ބާޒާރާކަށް ވަނުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެފަދަ ބޮޑު ބާޒާރަކާއެކު ބޮޑު އެގްރީމެންޓެއް ވެވިއްޖެނަމަ ރާއްޖޭގެ ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެތައް ހަރުފަތެއް މައްޗަށް ޖެހިލާނެ ކަމަށެވެ.

comment ކޮމެންޓް