ރަމަޟާން މަހު ޚިދުމަތްދޭ ގަޑިތައް ބީއެމްއެލް އިން އިއުލާންކޮށްފި

ބީއެމްއެލްގެ ސީއީއޯ މީޑިއާ އަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތްދޭ ގަޑިތައް އެ ބޭންކުން މިއަދު އިއުލާންކޮށްފިއެވެ.

ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކުގެ އަމާޒަކީ 24 ގަޑިއިރު ކަސްޓަމަރުންނަށް އެހީވެދިނުން ކަމަށެވެ.

އެންޑްރޫ ވިދާޅުވީ ރަމަޟާން މަހު އެ ބޭންކުގެ ބްރާޗްތައް ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:30 އިން މެންދުރު ފަހު 1:00 އަށް ކަމަށެވެ.

ކޯލްސެންޓަރުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ޔުނިޓްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ޔުނިޓްތަކުގައި ވަކި ވަގުތުތަކެއްގައި ބޭންކުގެ މުވައްޒަފުން ތިބޭނެކަމަށް ވެސް އެންޑްރޫ ހީލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ 100 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާ އާ ހަމައަށް ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެކަމަށެވެ.

ބީއެމްއެލްގެ ގިނަ އޭޓީއެމްތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރެއެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީ ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ވެލާނާގެ އާއި ބީއެމްއެލްގެ އެކި ބްރާންޗްތައް ހިމެނެ އެވެ.

comment ކޮމެންޓް