ރާއްޖެއާ ޖަޕާނާ ދެމެދު ޑައިރެކްޓް ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި

 މަޓާޓޯއާ ޖާޓާ އާއި ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޖަޕާނުގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (ޖާޓާ) އާއި ގުޅިގެން، ރާއްޖެއާ ޖަޕާނާ ދެމެދު ސީދާ ޑައިރެކްޓް ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ފަށައިފި އެވެ.

މަޓާޓޯގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް މުނާޒް "ސަން"އަށް ވިދާޅުވީ ޖަޕާނުގެ ޖާޓާ އާއި ގުޅިގެން މަޝްވަރާ ކުރުމަށްފަހު ދެބައި އެއްކޮށް އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ވަނީ މި މަސައްކަތް ފަށާފަ. އެހެންވީމަ އެކި އެއާލައިންތަކާ ވާހަކަ ދައްކައިގެން، ދެ ގައުމުގެ އޭވިއޭޝަން އިދާރާތަކާ އަދި ކަމާގުޅޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ދެ ގައުމު އެކީގަ ލޮބީކުރުމަށް މިހާރު ވަނީ އެއްބަސްވެ މަސައްކަތް ފެށިފައި،" މުނާޒް ވިދާޅުވި އެވެ.

މަޓާޓޯއާ ޖާޓާ އާއި ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މުނާޒް ވިދާޅުވީ މީގެ ކުރިއާ އަޅާ ބަލާއިރު ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު މަދުވެފައިވާ ކަމަށެވެ. އެހެންކަމުން އެ އަދަދު އިތުރުކޮށް ޖަޕާނުން އަންނަ ފަތުރުވެރިންގެ އަދަދު މިކަމުގެ ސަބަބުން އިތުރު ކުރުމަކީ އެ މަސައްކަތުގެ ބޭނުން ކަމަށެވެ.

އެ ދެ އެސޯސިއޭޝަނުން އެކުގައި އެ މަސައްކަތް ކުރުމަށް ނިންމީ ދާދި ފަހުން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި 27 ވަނަ ޔޫއެންޑަބްލިއުޓީއޯ ރީޖަނަލް މިނިސްޓީރިއަލް ކޮންފަރެންސްގެ ތެރެއިން ދެ އެސޯސިއޭޝަން ވަކިން ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގަ އެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ އެ ބައްދަލުވުމުގައި އިންޓަނޭޝަނަލް ޓްރޭވަލް މާކެޓްގައި ލީޑްކުރާ ހުރިހާ ފަރާތްތަކާ އެކުގައި ބައްދަލުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށާއި، ދެ ގައުމު ގުޅިގެން ރާއްޖެއާ ޖަޕާނާ ދެމެދު ސީދާ ފްލައިޓެއް ބޭއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށެވެ.

ޖާޓާގެ ސެކްރެޓަރީ ޖެނެރަލްއާ އެކު ބޭއްވި ބައްދަލުކުރުމުގައި މަޓާޓޯގެ ރައީސްވަނީ، ޖަޕާނުން ރާއްޖެއަންނަ ޓުއަރިސްޓުންގެ އަދަދު ދައްވަމުން އަންނަކަން ފާހަގަކޮށް، އެކަމަށް ރަނގަޅު ބަދަލެއް ގެނައުމަށް ދެ ޤައުމުގެ ޓްރެވެލް އޭޖެންޓުންގެ ޖަމްޢިއްޔާއިން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހުށަހަޅާފައެވެ.

މި ގޮތުން ކުރިއަށް އޮތްތަނުގައި، ޖާޓާ އަދި މަޓާޓޯއިން ގުޅިގެން، ޖަޕާނުގައި ރާއްޖެ ފަތުރުވެރިކަނމުގެ މަންޒިލްތައް ޕްރޮމޯޓުކުރުމަށް، މަސައްކަތްތަކެއް ކޮށް، ޖަޕާނުގެ ނޫސްވެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތަތްތަކަށް ރާއްޖެ ތަޢާރަފްކޮށްދިނުމުގެ ދަތުރުތަކެއް ރޭވުމަށް މަޝްވަރާކޮށްފައިވެއެވެ.

ބަނޑޮހުގައި ކުރިއަށްދިޔަ، ޔޫއެން ޑަބްލިއު ޓީއޯ މިނިސްޓީރިއަލް ކޮނަފަރެންސްގެ ހަވާސާގައި، މަޓާޓޯއިންވަނީ، ޓުއަރިޒަމާ ގުޅުންހުރި ބައިނަލްއަޤްވާމީ ބައެއް ޖަމްއިއްޔާތަކާ މަޝްވަރާކޮށް، އެ ޖަމްއިއްޔާތަކާ ގުޅުން ބަދަހިކޮށް، މަޓާޓޯއިން ގުޅިގެން ކުރިވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މަޓާޓޯ އިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ފަތުރުވެރިންގެ އަގު ވަޒަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑް ޖެހިޖެހިގެން ހަތަރު އަހަރު ދީފައިވެ އެވެ. އަދި މި އަހަރުގެ ހާއްސަ އެޑިޝަނެއް ދުބާއީގައި ބޭއްވި އިރު، އެވޯޑް ދިނުމުގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު ކޮކޯ ބޮޑުހިތީގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، މަޓާޓޯ ޓްރޭވަލް އެވޯޑްސްގެ އޮންލައިން ނިއުސް ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް