ނައިޓްމާކެޓްގެ ބައެއް ވިޔަފާރިތަކަށް ބޮޑު ތަރުހީބެއް، އަނެއްބައި ވިޔަފާރިތައް ތޮޅިޔަށް!

ނައިޓްމާކެޓްގެ ސްޓޯލެއް ކައިރީ ބަޔަކު ހުއްޓިގެން ---- ބައެއް ވިޔަފާރިތަކަށް ބޮޑު ޑިމާންޑެއް ލިބުނުއިރު، އަނެއްބައި ވިޔަފާރިތަކަށް މާބޮޑު ތަރިހީބެއް ނެތް ----- ސަން ފޮޓޯ/ އަލީ ނަސީރު

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، ރަމަޟާން މަހަށް ހާއްސަކޮށް ބަދިގެތަކަށާއި ގޭތެރެއަށް ބޭނުންވާ ތަފާތު ބާވަތްތައް އެއްތަނަކުން ލިއްބައިދިނުމަށް ބާއްވަމުން އަންނަ ނައިޓްމާކެޓް ރޭ ނިންމާލި އިރު، މާކެޓަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ނައިޓްމާކެޓް ރޭ ނިންމާލާފައިވާ އިރު މާކެޓްގައި ތިބި ބައެއް ވިޔަފާރިވެރިން ބުނީ، މިފަހަރުގެ މާކެޓަށް ލިބުނު ތަރުހީބު އެހެން އަހަރުތަކާ އަޅައިބަލާއިރު ދަށް ނޫން ކަމަށެވެ. ނަމަވެސް އަނެއްބައި ވިޔަފާރިވެރިން ތިބީ ވިޔަފާރިއާމެދު ހިތްހަމަނުޖެހި މާޔޫސްވެފައެވެ.

"އަހަރުމެން ހީކުރީ މިފަހަރު އާންމުންގެ ވަރަށް ރަނގަޅު ތަރުހީބެއް ލިބޭނެކަމަށް. ބައެއް ވިޔަފާރިތައް ރަނގަޅު. އެކަމަކު އަންނައުނު، ބޫޓު ފައިވާން ވިއްކާ މީހުންނަށް ވިޔަފާރި ޑިމާންޑް ކުޑަ،" ނައިޓް މާކެޓްގައި ހެދުންވިއްކާ ސްޓޯލެއް ހުޅުވައިގެން ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.

ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނީ، ސްކޫލްބަންދާ ދިމާވި ނަމަވެސް، މާކެޓް ފެށުނު ދުވަސްވަރު ވިއްސާރަވުން ކަމަށެވެ. އަދި އެފަދަ ރޭރޭ "އެއްގޮތަކަށް ވެސް ވިޔަފާރިނުވާ" ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

ނަމަވެސް ބަދިގޭ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނުތައް އަދި ފާހާނާ އަށް ބޭނުންވާ ތަކެތި ވިއްކުމުގައި ހަރަކާތްތެރިވި ވިޔަފާރިވެރިން ބުނީ މިފަހަރުގެ މާކެޓާ ދޭތެރޭ އެ ފަރާތްތަކުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އާންމުންގެ "ޑިމާންޑް" ރަނގަޅުކަމަށް އެ ފަރާތްތަކުން ބުންޏެވެ.

ބައެއް ވިޔަފާރިވެރިންގެ ވިޔަފާރި ރަނގަޅުވެފައި އަނެއްބައި ވިޔަފާރިވެރިންގެ ވިޔަފާރި ދަށްއިރު، ވިޔަފާރިކުރަން ދިޔަ އާންމުން ބުނީ، ނައިޓްމާކެޓްގައި ބައެއް ތަކެތީގެ ކޮލިޓީއާ އަޅައިބަލާއިރު އަގުތަކާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި ބައެއް ސްޓޯލްތަކުން ބޮޑު އަގުގައި ފޭކު އުފެއްދުންތައް ވިއްކާކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

މިއަހަރުގެ މާކެޓްގައި ވެސް ބަދިގެއާއި ކުޑަކުދިންނަށް ބޭނުންވާ އެކި ކުޅޭ ސާމާނުގެ އިތުރުން އަންނައުނު ލިބޭ 500 މޭޒު ބަހައްޓާފައި ހުއްޓެވެ.

comment ކޮމެންޓް