ލީބިޔާގެ މަސްރަހު:
މިނިވަންވެފައިވާ ލީބިޔާގެ ބައެއް ރަށްތައް އަލުން ހިފުމަށް ގައްޒާފީގެ ބާރުތައް މަސައްކަތް ކުރަނީ

ޓްރިޕޮލީ : ގައްޒާފީގެ ވެރިކަމުން މިނިވަންވެފައިވާ ލީބިޔާގެ ބައެއް ރަށްތައް އަލުން ހިފުމަށް އޭނާގެ ބާރުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ޚަބަރުލިބިއްޖެއެވެ.

ލީބިޔާއިން ލިބޭ މަޢްލޫމާތުތައް ބުނާގޮތުން ގިނަ ޢަދަދެއްގެ ކުލީ ސިފައިންނާއި ލީބިޔާ ސިފައިންގެ ތެރޭގައި ހިމެނޭ ގައްޒާފީއަށް ތާއީދުކުރާ މަދުއޮފްސަރުންތަކެއް ހިމެނޭ ގައްޒާފީގެ ލަޝްކަރެއް މިހާރު ތައްޔާރުވަމުން ދަނީ ޓްރިޕޮލީގެ ހުޅަނގުން ގައްޒާފީގެ ކޮންޓްރޯލް ގެއްލިފައިވާ ރައްތައް އަލުން ހިފުމަށެވެ. ޓްރިޕޮލީގެ ހުޅަނގުން 50 ކިލޯމީޓަރު ދުރުގައިވާ ޒާވިޔާގެ ރައްޔިތުންނަށް ގައްޒާފީގެ ބާރުތަކުން މިހާރުވަނީ އެރަށަށް ބޮންއަޅާނެކަމުގެ އިންޒާރުދީފައެވެ.
އަނެއްކޮޅުން ގައްޒާފީގެ ބާރުތަކުން މިނިވަންވެފައިވާ ލީބިޔާގެ އިރުމަތީގެ ދެރަށެއް ކަމަށްވާ ބެންޣާޒީއާއި އަޖްދާބިޔާއަށް ގައްޒާފީގެ ކުލީ ސިފައިންގެ ބާރުތަކުން އިއްޔެ ވައިގެ މަގުން ޙަމަލާތަކެއް ދިންކަމަށް އިދިކޮޅު ރައްޔިތުންގެ ބާރުތަކުން ބުނެއެވެ.

ގައްޒާފީގެ ކުލީ ސިފައިންގެ ބާރުތަކުގެ އަތްދަށުގައި ލީބިޔާ ސިފައިންގެ ލަޝްކަރުތަކުގެ ބައެއް ޢަސްކަރީ ފައިޓަރ ޖެޓާއި ޢަސްކަރީ ހެލިކޮޕްޓަރ ތައް ހުރިކަމަށާއި އަދި ރައްޔިތުންނާ ހަނގުރާމަކުރުމުގައި ގައްޒާފީއަށް އެހީތެރިވާ ކުލީ ސިފައިންގެ ތެރޭގައި ތަމްރީން ލިބިފައިވާ އެފްރިކާގެ ކުލީ ސިފައިންގެ އިތުރުން އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި އިޓަލީ ެ ކުލީ ސިފައިންގެ ޢަސްކަރީ ޕައިލެޓުން ހިމެނޭ ކަމަށް ލީބިޔާސިފައިންގެ ބައެއް އޮފްސަރުންނާއި އިދިކޮޅު ސިޔާސީ އެކްޓިވިސްޓުންނާ ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ގައްޒާފީގެ ޙަމަލާތަކަށް ރައްދު ދިނުމަށްޓަކައި ލީބިޔާގެ ސިފައިންނާއި ރައްޔިތުންގެ ގުޅިފައިވާ ބާރުތަކުން އެންޓިއެއަރކްރާފްޓް މިސައިލާއި ބަރުހަތިޔާރު އެއްކޮށް ހަނގުރާމައަށް ތައްޔާރުވަމުންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ރައްޔިތުންނާ ހަނގުރާމަކޮށްގެން ވެރިކަން ދެމެހެއްޓުމަށް ގައްޒާފީ ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި އެއަށްވުރެ އޭނާގެ ނިޒާމު މިހާރު އެކަހެރިވެ ބަލިކަށިވެ އޭނާގެ ވެރިކަމުގެ ދާއިރާ މާބޮޑަށް ކުޑަވެފައިވާ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. ނަމަވެސް ލީބިޔާ އަހްލީ ހަނގުރާމައަކަށް ވެއްޓުމާއެކު ގައްޒާފީ ވައްޓާލުމަށް ނަގާނެ މުއްދަތެއް އަދި ނޭންގޭތީ މިކަމަށް ލީބިޔާގެ ރައްޔިތުން ލެއިންނާއި ފައިސާއިން ދައްކަން ޖެހޭނެ އަގު ބޮޑުވެދާނެކަމުގެ ބިރުވަނީ ހީވެފައެެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު