ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން، މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތެއްގައި ފާރިސަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ފާރިސް ކާމިޔާބު ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ތިން ކެންޑިޑޭޓުންނާ ވާދަ ކުރައްވައި، 1238 ވޯޓާއެކު އިންތިހާބުގެ 59.4 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިއުލާން ކުރީ މިއަދު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު، ސޮއި ކުރައްވަނި--
ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވެވި އަހުމަދު ނާޒިމްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމާ ގުޅިގެންނެވެ.

މެމްބަރުކަމުގެ ހުވާ ކުރެއްވި ފާރިސްއަށް މަޖިލީހުގެ ތަޅުމުގެ ބައެއް ކަންތައްތައް އަމީންއާންމު ކިޔައި ދެއްވަނީ--