މައިލޯ ވިމެންސް ފުޓްބޯލް މުބާރާތް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ނިއުރޭޑިއަންޓުން ކާމިޔާބު ކުރިއިރު އެ ކާމިޔަބުގެ އެންމެ ބޮޑު ސަބަބަކީ ޓީމްގެ ކުޅުންތެރިންގެ މެދުގައި އުފެދިފައި އޮތް އިތުބާރު ކަމަށް ނިއުރޭޑިއަންޓްގެ ކެޕްޓަން ފަދުވާ ޒާހިރު ބުނެފި އެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހު ރޭ ސަން އަށް ދިން އިންޓަވިއުއެއްގައި ފަދުވާ ބުނީ، ނިއުގެ ޓީމްގައި ގިނައީ މިދިޔަ އަހަރުވެސް ޓީމްގައި ކުޅުނު ކުޅުންތެރިން ކަމަށާއި އެހެންކަމުން މިދިޔަ އަހަރުން ފެށިގެން އެއްކޮށް ކުޅެފައިވާ ކުޅުންތެރިންނަށް ވުމުން ޓީމްގެ ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑަށް އިތުބަރު އުފެދިފައިވާ ކަމަށެވެ.
ފަދުވާ ބުނީ ފައިނަލް މެޗްގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) މޮޅުވެފައި އޮތްއިރު ދެ ވަނަ ހާފުގައި މެޗުގެ ނަތީޖާ ނިއުގެ ކޮޅަށް އަނބުރާ ލެވޭނެކަން ޓީމްގެ ހުރިހާ ކުޅުންތެރިންނަށްވެސް ގަބޫލު ކުރެވުނު ކަމަށާއި އެއީ ޓީމްގެ އިންޑިއާ ފޯވަޑް ބާލާދޭވީއާ މެދު ހުރިހާ ކުޅުންތެރިވެސް އިތުބާރު އޮތް ކަމަށެވެ.
"ލީގް ގައި ޑީއެސްސީއާ ދެކޮޅަށް ކުޅުނު މެޗުންވެސް ނިއު ވަނީ މޮޅުވެފައި. އެހެންވީމަ އަޅުގަނޑުމެންގެ ކުރިއަށް ކުޅޭ ބާލާއަށް ފުދޭވަރަކަށް އިތުބާރުކޮށްގެން އަޅުގަނޑުމެން ކުޅުނީ. އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ މެދު އުފެދިފައި އޮތް އިތުބާރު އަޅުގަނޑުމެންނަށް ފަހަތު އަރައި މޮޅުވެވުނީ،" ރާއްޖޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ފަދުވާ ބުންޏެވެ.
ފަދުވާ ވަނީ މުބާރާތުގައި ކުޅުނު އެންމެ މޮޅު ދިވެހި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
އިއްޔެގެ މެޗް 4-1 ގެ ނަތީޖާއަކުން މޮޅުވެ ނިއު ޗެމްޕިއަންކަން ހޯދިއިރު ނިއުގެ ހަތަރު ލަނޑުވެސް ޖެހީ ބާލާދޭވީ އެވެ.
އަންނަ އަހަރު މުބާރާތް މިލުކުކުރަން ނިކުންނައިރު ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށާއި ނިއުގެ ސްކޮޑުން ގިނަ ޒުވާން ކުޅުންތެރިންނަށް ފުރސަތުދޭނެކަމަށް ފަދުވާ ބުންޏެވެ.