ލައިފް ފެނުގައި މައްސަލަޖެހުނީ ފުޅިތަކުގެ މައްސަލައަކުން ކަމަށާއި އެ ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ)އިން ބުނެފި އެވެ.
އެފްޑީއޭއިން ބުނެފައި ވަނީ ލައިފް ފެނުގައި މައްސަލަތަކެއް ހުރި ކަމަށް އެ އޮތޯރިޓީއަށް ޝަކުވާ ލިބުމާ ގުޅިގެން އެ ފެކްޓަރީ ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަހުގީގުން އެނގުނު ގޮތުގައި އެ މައްސަލަ ކުރިމަތިވީ ފުޅީގައި ހުރި ވަހަކުން ކަމަށެވެ. ހަމައެއާއެކު ފެނުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުންޏެވެ.
އެ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ދިން ލަފަޔާއެއްގޮތަށް އިސްލާހު ކުރުމަށްފަހު އަލުން އެ ފެކްޓަރީގައި މަސައްކަތް ފަށާފައިވާ ކަމަށް އެފްޑީއޭއިން ބުންޏެވެ.
ލައިފް ފެނަކީ އިންޓަނޭޝަނަލް ބެވެރޭޖާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި އުފައްދައިގެން ގިނަ އަދަދަކަށް ބާޒާރުގައި ވިއްކަމުންދާ ފެނެކެވެ. އެ ކުންފުނިން ބުނީ ލައިފް ފެން ބާޒާރަށް ނެރެފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކުރުމަށްފަހު ކަމަށެވެ.
އެ ކުންފުނިން ބުނީ ލައިފް ބްރޭންޑުގެ ކޮންމެ ބެޗެއް ވެސް ވިއްކުމަށް ނެރެނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކޮށް އެއީ އިންސާނުން ބުއިމަށް ކަމުދާ ފެންކަމުގެ ޔަގީންކަން އެ ލެބޯޓަރީން ލިޔުމުން ދިނުމުން ކަމަށެވެ.