މައްޗަންގޮޅިގައި އަޅާ ފުޓްސަލް ދަނޑު ރޯދަމަހު ފުރަތަމަ ހަފުތާ ތެރޭގައި ނިމޭނޭ!

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ޝިނާން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މައްޗަންގޮޅިގައި އެޅުމަށް ހަމެޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ރޯދަމަހު ފުރަތަމަ ހަފުތާ ތެރޭ ނިންމޭނެ ކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރު އަޙްމަދު ޒުހޫރު ދެއްވާފައިވާކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅި ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅިއަށް، ދުއްވާ އުޅަނދު ފަހަރަށް ނުވަދެވޭ ގޮތަށް ހަމަޖެއްސުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިނާން ވިދާޅުވީ، މައްޗަންގޯޅީގައި ޔޫތު ސެންޓަރަކާއި ފުޓްސަލް ދަނޑެއް އެޅުމަކީ ދާއިރާގެ ޒުވާނުން ވަރަށް ބޭނުންވެފައި ތިބި ކަމެއްކަމަށާއި އެމަސައްކަތް ރޯދަމަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރު ޒުހޫރު ދެއްވާފައިވާ ކަމަށެވެ.

"ޔޫތު މިނިސްޓަރު މިތާ ހުންނަވައި ދެންމެ ވާހަކަ އެ ދެއްކެވީ އެވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ރިކުއެސްޓެއްގެ ގޮތުން ދެއްކެވި ވާހަކައެއް. އަޅުގަނޑު އެމަނިކުފާނު ގާތު އެދުނިން މިތަނަށް އައިސް އެވާހަކަ ގެންގޮސް ދިނުމަށް. މިނިސްޓަރު އަޅުގަނޑަށް ދެއްވާފައި އޮތް ޔަގީންކަމަކީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ހިސާބުގައި އެމަސައްކަތް ނިމޭނެޔޭ،" ޝިނާން ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު ޒުހޫރު ވިދާޅުވީ، މައްޗަންގޯޅީގައި މުނިފޫހިފިލުވޭނެ އިތުރު ގޮތްތައް ހޯދައި އެ މަސައްކަތްތައްވެސް ބިނާކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅިއަށް، ދުއްވާ އުޅަނދު ފަހަރަށް ނުވަދެވޭ ގޮތަށް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވަހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރައީސްލުޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލޭގެ ސްޕޯޓްސް އެރީނާވެސް އެޅިގެންދާނީ މައްޗަންގޯޅީގައި ކަމަށް މިނިސްޓަރު ތަކުރާރު ކުރެއްވިއެވެ.

މައްޗަންގޮޅީގައި ސްޕޯޓްސް އެރީނާއާއި އެ ދާއިރާގައި ފުޓްސަލް ދަނޑެއް އެޅުމުގެ ވާހަކަ ކުރީގެ ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލްވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް