އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމަށް ބުނެ އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެތިން ބޭފުޅުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިއަދު އެވެ.
އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ސުވާލުކުރުމުން ސޮބާހު އާއި އަމީން ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު އިޚްތިޔާރުކުރައްވާފައެވެ. ނަމަވެސް އިމްރާން ވަނީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވައި ތަހުގީގަށް ބަޔާންދެއްވާފައެވެ.
ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވެފައި ވަނީ ހަމަނުޖެހުން ހިންގުމަށާއި އެއްވެސް މީހަކަށް ބިރުދައްކައި ގެއްލުންދިނުމަށް އެއްވެސް އިރެއްގައި އޭނާ ހިތްވަރުދީފައި ނުވާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ އޭނާ އަކީ އަބަދުވެސް ސުލްހަވެރި ކަމަށް ގޮވާލާ މީހެއް ކަމަށެވެ.