ރ. އިފުރު ޑޮމެސްޓިކް އެއާޕޯޓް މިއަދު ހުޅުވާފައިވާއިރު އިފުރު ދަތުރުތަކަށް ބާރު ސްޕީޑެއްގައި ޓިކެޓް ވިކެމުންދާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ، ކުރިއަށްއޮތް ތިން ދަތުރަށްވެސް ވަރަށް ރަނގަޅަށް ޓިކެޓް ވިކެމުންދާ ކަމަށާއި އޭގެ ތެރެއިން ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ދަތުރުގެ 90 ޕަސެންޓް ޓިކެޓް މިހާރު ވިކި ހުސްވެފައިވާ ކަމަށެވެ.
"މިބަލަނީ މިއަށްވުރެ ރަނގަޅަށް ވިކޭނެ ކަމަށް. ސްކޫލް ޗުއްޓީ ކުރިއަށް އޮތުމާއެކު އިތުރަށް ރަނަގޅުވާނެ ކަމަށް މިބަލަނީ،" ނަޝާތު ވިދާޅުވިއެވެ.
އިފުރު އެއާޕޯޓަށް އެއްކޮޅު ޓިކެޓް 777 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާ އިރު ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައި ވަނީ 1554 ރުފިޔާއަށެވެ.
ގާތްގަނޑަކަށް 24500 މީހުންގެ އާބާދީއެއް އޮންނަ ރ. އަތޮޅުގެ ރައްޔިތުން މީގެ ކުރިން މުޅިންހެން މާލެ ދަތުރުކުރަމުން ދިޔައީ ކަނޑުމަގުންނެވެ. އެއަތޮޅާއި މާލެ އާއި ދެމެދު ލޯންޗް ދަތުރަކަށް ހަތަރު ގަޑިއިރު ނަގައެވެ.
ބާރަ ސަތޭކަ މީޓަރުގެ ރަންވޭއެއް އޮންނަ އިފުރު އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައި ވަނީ ކޯސްޓްލައިން ކުންފުނިން ނެވެ. އިފުރު އެއާޕޯޓްސް އިންވެސްޓްމަންޓް ޕްރައިމެޓް ލިމިޓެޑާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މެނޭޖްމަންޓް ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އިފުރު ތަރައްގީ ކުރުމުގެ މަސައްކަތް އިފުރު އިންވެސްޓްމަންޓާ ހަވާލުކުރީ ރިސޯޓް ތަރައްގީ ކުރުމަށް ތިން ރަށް ދޭ ގޮތަށް މެއި، 2011ގަ އެވެ.