އިފުރު އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަން ގެ ފްލައިޓެއް ރަންވޭގައި--- ފައިލް ފޮޓޯ

ރ. އިފުރުގައި ތައްޔާރުކޮށްފައިވާ ސަރަހައްދީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު އިފުރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، އެއާޕޯޓް މެނޭޖު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ އެއާޕޯޓުގެ ސަބަބުން ދިވެހި ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

އަންގާރަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުން ވަނީ އިފުރުގައި ޓެސްޓް ފްލައިޓް ޖައްސާފަ އެވެ.

އިފުރު އެއާޕޯޓަށް އެއްކޮޅު ޓިކެޓް 777 ރުފިޔާ އަށް ވިއްކުމަށް ނިންމާފައިވާ އިރު ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައި ވަނީ 1554 ރުފިޔާ އަށެވެ.

ބާރަ ސަތޭކަ މީޓަރުގެ ރަންވޭއެއް އޮންނަ އިފުރު އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައި ވަނީ ކޯސްޓްލައިން ކުންފުނިން ނެވެ. އިފުރު އެއާޕޯޓްސް އިންވެސްޓްމަންޓް ޕްރައިމެޓް ލިމިޓެޑާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މެނޭޖްމަންޓް ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އިފުރު ތަރައްގީ ކުރުމުގެ މަސައްކަތް އިފުރު އިންވެސްޓްމަންޓާ ހަވާލުކުރީ ރިސޯޓް ތަރައްގީ ކުރުމަށް ތިން ރަށް ދޭ ގޮތަށް މެއި، 2011ގަ އެވެ.

comment ކޮމެންޓް