ތިލަފުށީގައި ގަބުރުސްތާނެއް ހަދަން ބަޔަކާ ހަވާލުކޮށްފި

ތިލަފުށީގައި ގަބުރުސްތާނެއް ހަދަން ބަޔަކާ ހަވާލުކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ------ ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަތޮޅު ތިލަފުށީގައި ގަބުރުސްތާނެއް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެއީ ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގައި 60،000 އަކަފޫޓުގެ ގަބުރުސްތާނެއް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގައި ގަބުރުސްތާނު ފާރެއް ރާނައި އެތެރެއަށް ވެލި އަޅާނެ. މި މަސައްކަތް ސަރުކާރުން ކުރަން ނިންމި ކަމަކީ މާލޭގައި މީހުން ވަޅުލަން ހުރި ގަބުރުސްތާނުތައް މިހާރު ވަރަށް ބޮޑަށް ފުރެމުން މިދަނީ. މުސްތަގުބަލުގައި މިތަން ފުރިގެންގޮސް އިތުރުތަނެއް ހަމަނުޖެހި އޮވެއްޖެއްޔާ މިއީ ވަރަށްބޮޑު ކަމަކަށް ވެގެންދާނެތީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެތަން ހަދައި ނިމުމުން ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި އެތަނުގައި މީހުން ވަޅުލުމުގެ ހުއްދަ ދޫކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތް ސްޕީޑް ކޮންސްޓްރަކްޝަނަށް ހަވާލުކޮށްފައި ވަނީ 130 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

comment ކޮމެންޓް