ރ. ވަންދޫގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ބައެއް މަސައްކަތްތައް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވީ އަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ މިއަދު ހަވާލުކުރީ ވަންދޫގައި މުވައްޒަފުން ތިބޭ އިމާރާތަކާއި ޔޫޓިލިޓީސް އިމާރާތެއް ބިނާކުރުމާއި ތެޔޮ ރައްކާ ކުރާ ތާނގީއެއް ހެދުމުގެ މަސައްކަތެވެ. އެ މަސައްކަތްތައް ވީއަވާ އާ ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 6.2 މިލިޔަން ރުފިޔާގެ އަގަކަށެވެ.
މަސައްކަތުގެ އެއްބަސްވުމުގައި ވީއަވާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެޖޭޖިން ޑައިރެކްޓަރު އާޔަތުﷲ ޙުސައިންއެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ.
ވީއަވާގެ މެނޭޖިން ޑައިރެކްޓަރު އާޔަތުﷲ ވިދާޅުވީ އެކުންފުނިން މިއަދު ހަވާލުވި މަސައްކަތްތައް މިމަހުގެ 30 ވަނަ ދުވަހު އަމަލީ ގޮތުން ކުރަން ފަށާނެ ކަމަށެވެ. އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ވަންދޫ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ހުރިހާ މަސައްކަތްތަކެއް މިއަހަރު ނިމުމުގެ ކުރިން ނިންމައި، އެ ސެންޓަރުގެ ހިދުމަތް ދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ވަންދޫ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރަކީ ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގައި މީހުން ދިރިއުޅޭ 44 ރަށާއި އެ އަތޮޅުތަކުގައިވާ ރިސޯޓްތަކަށް ހިދުމަތް ދިނުމަށް ގާއިމްކުރާ ސެންޓަރެކެވެ.