އިފުރު އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސައިފި

މޯލްޑިވިއަންގެ ފުލައިޓެއް ރަންވޭގައި-- ސަން ފައިލް ފޮޓޯ

ރ. އިފުރުގައި ތައްޔާރުކޮށްފައިވާ ސަރަހައްދީ އެއާޕޯޓަށް، ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓެސްޓް ފުލައިޓް ޖައްސައިފިއެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ އިފުރު އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސާފައިވަނީ މިއަދު އިރުއޮއްސި 6:30 ގައި ކަމަށާއި އެދަތުރު ވަރަށް ކާމިޔާބު ކަމަށެވެ.

"އިރާދަފުޅުން ހުރިހާ ކަމެއްވެސް ވަރަށް ކާމިޔާބުކޮށް ދަނީ. އެހެންކަމުން ރޭވިފައިވާ ތާރީޚަށް ހުރިހާ ކަމެއް ކުރިއަށްދާނެ،" ނަޝާތު ވިދާޅުވިއެވެ.

އިފުރު އެއާޕޯޓަށް ރަސްމީކޮށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

އިފުރު އެއާޕޯޓަށް އެއްކޮޅު ޓިކެޓް 777 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާ އިރު ދެކޮޅު ޓިކެޓް ވިއްކަން ނިންމާފައި ވަނީ 1554 ރުފިޔާއަށެވެ.

ބާރަ ސަތޭކަ މީޓަރުގެ ރަންވޭއެއް އޮންނަ އިފުރު އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައިވަނީ ކޯސްޓްލައިން ކުންފުނިން ނެވެ. އިފުރު އެއާޕޯޓްސް އިންވެސްޓްމަންޓް ޕްރައިމެޓް ލިމިޓެޑާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މެނޭޖްމަންޓު ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އިފުރު ތަރައްގީ ކުރުމުގެ މަސައްކަތް އިފުރު އިންވެސްޓްމަންޓާ ހަވާލުކުރީ ރިސޯޓް ތަރައްގީ ކުރުމަށް ތިން ރަށް ދޭ ގޮތަށް މެއި، 2011ގަ އެވެ.

comment ކޮމެންޓް