އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ އިތުރުން އެޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާން ވަޖީހު ސަން އަށް ވިދާޅުވީ، އެ މައްސަލަ ފުލުސް އޮފީހުން އެ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ. އަދި މިހާރު އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހަތަރު ބޭފުޅުންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަޖެނުހުން ހިންގަން ހިތްވަރު ލިބޭގޮތަށް ވާހަކަފުޅު ދެއްކެވި ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމުން އަލީ ވަހީދާއި އަމީން އަދި ސޮބާހު ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު އިޚްތިޔާރު ކުރައްވާފައެވެ. އެހެންނަމަވެސް އިމްރާން ވަނީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވައި ތަހުގީގަށް ބަޔާންދެއްވާފައެވެ.
އެބޭފުޅުންގެ ތެރެއިން އަމީން ފިޔަވައި އެހެން އެންމެން ތިއްބެވީ ފުލުހުންގެ ހައްޔަރުގައެވެ. ފުލުހުންގެ ހައްޔަރުގައި ހުންނަވަނިކޮށް އަމީން ދޫކޮށްލާފައި ވަނީ ހައިކޯޓުގެ އަމުރަކަށެވެ. ހައިކޯޓުން އަމީން ދޫކޮށްލަން ކުރި ހުކުމް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.