ޓެމިލްނާޑޫގެ ސްޓޭޓް މިނިސްޓަރު ޖަޔާލަލިތާގެ މައްޗަށް އުފުލި ހިޔާނާތުގެ ތުހުމަތުން އޭނާ ސަލާމަތްވެ، އޮފީހަށް ނުކުތުމުގެ ފުރުސަތު ތަނަވަސްވެއްޖެ އެވެ.
ބެންގަލޫރުގެ ހައި ކޯޓުން ޖަޔަލަލިތާގެ ކުށެއް ނެތް ކަމަށް ހޯމަ ދުވަހު ހުކުމް ކުރުމުން އޭނާގެ ސަޕޯޓަރުން މަގުތައް މައްޗަށް ނުކުމުގެ ވަނީ ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައި މަގުތަކުގައި ނަށައިފަ އެވެ.
ކުރީގެ ފިލްމީ ތަރި، 67 އަހަރުގެ ޖަޔާލަލިތާ ހޯމަ ދުވަހު މިނިވަން ވުމަށް ފަހު އޭނާ ނެރުނު ބަޔާނެއްގައި ބުނީ ހައި ކޯޓުގެ ހުކުމް އޭނާއަކީ ކުށެއް ނެތް މީހެއްކަން ސާބިތުވެފައިވާ ކަމަށާއި އަދި އޭނާއާ ދެކޮޅަށް އެ މައްސަލަ ޖެއްސީ އޭނާގެ ސިޔާސީ ހަތުރުން ކަމަށެވެ.
ޖަޔާލަލިތާގެ މައްޗަށް ކުރި ތުހުމަތުގެ ދައުވާ ކޯޓުން ބޭރުކޮށްލުމަށް ފަހު، ޖަސްޓިސް ސީއާރު ކުމާރަސުވާމީ ވިދާޅުވީ ޕްރޮސިކިއުޓާރުންނަށް ޖަޔާލަލިތާގެ މައްޗަށް އެ މައްސަލަ ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ޖަޔާލަލިތާ، އޭނާގެ މައްޗަށް ދަށު ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމުން އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
އޭނާގެ މައްޗަށް އޭރު ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ އޭނާ އަށް ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް 10 މިލިއަން ޑޮލަރުގެ އެސެޓްސް ހުރި މައްސަލައެއްގަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ހުކުމާ އެކު އޭނާ އަށް ޓެމިލްނާޑޫގެ އެންމެ މަތީ އޮފީހަށް ނުކުތުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ.
މައުލޫމާތު: އޭޕީ