ކޮންޒަވެޓިވް ޕާޓީން ހޯދި ކާމިޔާބީއަށް އެމްޑީޕީއާއި ނަޝީދުގެ ފަރާތުން މަރުހަބާ ދަންނަވައިފި

ރައީސް ނަޝީދު ސެމިނާއެއްގައި-- ފޮޓޯ: ހަފިންޓަންޕޯސްޓް

އިނގިރޭސި ވިލާތުގެ ޕާލިމަންޓް އިންތިހާބު އެގައުމުގެ ކޮންޒަވެޓިވް ޕާޓީން ކާމިޔާބު ކުރުމާއި ގުޅިގެން އެޕާޓީގެ ލީޑަރު އަދި އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އަށް އެމްޑީޕީންނާއި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮންޒެވިޓްވް ޕާޓީން ހޯދާފައިވާ ފުރިހަމަ ކާމިޔާބީއަށް އެޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އަދި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް، ޑޭވިޑް ކެމެރަންގެ ލީޑަޝިޕްގެ ދަށުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށް އެބަޔާނުގައި ވެއެވެ.

"މިފުރުސަތުގައި ކޮންޒަވެޓިވްޕާޓީގެ ގޮނޑި ކާމިޔާބު ކުރެއްވި އަޅުގަނޑުމެންގެ ހުރިހާ ރައްޓެހިންނަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަން. އަދި ބޮޑުވަޒީރު ކެމެރަންގެ ލީޑަޝިޕްގެ ދަށުން ކޮންޒަވެޓިވް ޕާޓީ އިނގިރޭސީވިލާތަށާއި އަދި ދުނިޔޭގެ ފެންވަރުގައި ވެސް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދޭނެ ކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ..." ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ.

ޑޭވިޑް ކެމެރަންއާއި ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ގާތް ދެބޭފުޅުންނެވެ.

އިނގިރޭސި ޕާލަމެންޓަށް 650 މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އާންމު އިންތިޚާބުގެ ވޯޓުތައް ގުނަމުންދާއިރު މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ކޮންޒަވެޓިވް ޕާޓީއަށް 327 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު އިދިކޮޅު ލޭބަރ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 232 ގޮނޑިއެވެ. އަދި ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް 8 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު ސްކޮޓްލޭންޑްގެ ގައުމީ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 56 ގޮނޑިއެވެ. ބާކީ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އެހެން ކުދި ޕާޓީތަކަށެވެ. މީގެތެރޭގައި ގްރީން ޕާޓީއާއި ވޭލްޒް ޕާޓީފަދަ ޕާޓީތައް ހިމެނެއެވެ.

ގާތްގަނޑަކަށް 64 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުގެ ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ކޮމަންސަށް 650 މެންބަރުން އިންތިޚާބުކުރުމަށާއި އެގައުމުގެ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގެ މިނަތީޖާއަށް ބަލާއިރު ކޮންޒަވެޓިވް ޕާޓީއަށްވަނީ ކޯލިޝަން އަކާނުލައި ވެރިކަން ކުރެވޭވަރަށް ޕާލަމެންޓްގެ ފުރިހަމަ އަޣްލަބިއްޔަތު ލިބިފައެވެ.

comment ކޮމެންޓް