މެޑްރިޑް އޮޕަންގައި 20 އަހަރުގެ ކިރިޔޮސް އަތުން ބަލިވެ ފެޑްރާ ކަޓައިފި

ރޮޖާ ފެޑްރާ: އޭނާ ބަލިވީ ރަނގަޅަށް ނުކުޅެވިގެންކަން އޭނާ ބުނޭ. މެޗުން ބަލިވުމުން އޭނާ ވަނި މުބާރާތުން ކަޓާފައި

މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި އޮސްޓެރޭލިއާގެ 20 އަހަރުގެ ޒުވާން ކުޅުންތެރިޔާ ނިކް ކިރިޔޮސް އަތުން ބަލިވެ މުބާރާތުގެ ވާދަކުރާ އެންމެ މޮޅު ކުޅުންތެރިޔާ ސްވިޒަލޭންޑްގެ ރޮޖާ ފެޑްރާ ކަޓައިފި އެވެ.

އިއްޔަ ކުޅުނު މެޗްގެ ފުރަތަމަ ސެޓް ފެޑްރާ 7-6 ޕޮއިންޓްގެ ނަތީޖާއަކުން ކާމިޔަބު ކުރިއިރު ފަހު ދެ ސެޓް ކިރިޔޮސް ކާމިޔާބު ކުރީ 7-6 ޕޮއިންޓްގެ ނަތީޖާއަކުންނެވެ.

މި މެޗުން ކިރިޔޮސް މޮޅުވުމުން ތިން ވަނަ ބުރުގައި އޭނާ ވާދަކުރަން ޖެހޭނީ އެމެރިކާގެ ޖޯން އިސްނާއާ ދެކޮޅަށެވެ.

ނިކް ކިރިޔޮސް: އޭނާ އަތުން ބަލިވުމުން ފެޑްރާ ވަނީ މުބާރާތުން ކަޓާފަ --- ފޮތޯ/ އޭޕީ

ޢުމުރުން 19 އަހަރުގައި ކިރިޔޮސް ވަނީ މިދިޔަ އަހަރު ބޭއްވި ވިމްބަލްޑަން ޓެނިސް މުބާރާތުގައި ރަފޭލް ނަޑާލްވެސް ކަޓުވާލާފަ އެވެ.

އެހެންކަމުން 144 ވަނަ އަށް ސީޑް ކުރެވިފައިވާ ކިރިޔޮސް ވެފައި ވަނީ 1992 ވަނަ އަހަރުގެ ފަހުން ގަދަ 100 އިގެ ނުހިމެނޭ ކުޅުންތެރިޔަކު އެއް ވަނަ އަށް ސީޑް ކުރެވިފައިވާ ކުޅުންތެރިޔަކު ބަލިކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

މެޗުން ބަލިވުމުން ފެޑްރާ ބުނީ އިއްޔެ އޭނާގެ ކުޅުން ރަނގަޅު ނޫންކަމަށާއި މައްސަލައަކީ އިދިކޮޅު ކުޅުންތެރިޔާގެ ފުރަތަމަ ސާވްގައި އޭނާއަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވުން ކަމަށެވެ.

މި މުބާރާތުގައި ވާދާ ކުރާ އެހެން ކުޅުންތެރިންނަށް ބަލާއިރު މުބާރާތް ބާއްވާ ޤައުމުގެ ރަފޭލް ނަޑާލް ވަނީ އެމެރިކާގެ ސްޓީވް ޖޯންސްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

ނަޑާލް ތިން ވަނަ ބުރުގައި ބައްދަލު ކުރަންޖެހޭނީ އިޓާލީގެ ސިމިއޯން ބޮލޮލީއާ ދެކޮޅަށެވެ.

ފުރަތަމަ ސެޓް 6-4 ޕޮއިންޓްގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބުކުރީ 6-3 ޕޮއިންޓް ނަތީޖާއަކުންނެވެ.

އިނގިރޭސި ވިލާތުގެ އެންޑީ މުރޭ ވަނީ ޖަރުމަންގެ ފިލްޕް ކޮލްޝުރައިބާ ބަލިކޮށް ދެ ވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި މީގެ ތިން ދުވަސް ކުރިން މިޔުނިކް އޯޕަން ފައިނަލްގައިވެސް މުރޭވަނީ ކޮލްޝުރައިބާ ބަލިކޮށްފައެވެ.

comment ކޮމެންޓް