އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި މިއަދު ވޯޓުލާއިރު ރައްޔިތުން ބޮޑު ނުތަނަވަސްކަމެއްގައި

ލަންޑަން (މޭ 7) : އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި ވޯޓުލުން މިއަދު ފެށާއިރު އެ ގައުމުގެ ގިނަ ރައްޔިތުން ތިބީ ސިޔާސީ ބޮޑު ދެ ޕާޓީ ކަމަށްވާ ކޮންޒަވެޓިވް ޕާޓީ އާއި ލޭބާ ޕާޓީގެ ވަރަށް ބޮޑަށް ފޫހުވެފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޮއިޓާސް ބުނާ ގޮތުން އިނގިރޭސިވިލާތުގެ ގިނަ ބަޔަކު މި ދެ ޕާޓީގެ ސިޔާސަތުތަކަށް މިހާރު އިތުބާރެއް ނުކުރެއެވެ. އަދި ރައްޔިތުންގެ މުސްތަގްބަލް އުޖާލާ ކޮށްދިނުމަށްޓަކައި އެ ދެ ޕާޓީން ކުރެ އެއް ޕާޓީއެއް އިޚްތިޔާރު ކުރިނަމަވެސް އެކަން ނުވާނެ ކަމަށް ގިނަބަޔަކު ދެކޭކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވަމުންދާ ކަމުގަ އެވެ. ގާތްގަނޑަކަށް 64 މިލިޔަން މީހުން ގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުގެ ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ކޮމަންސަށް 650 މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބާއްވާ އާންމު އިންތިޚާބުގެ ވޯޓުލުން ފެށުމަށް މިހާރު ކުޑަތަންވެފައިވާއިރު ކޮންޒަވެޓިވް ޕާޓީއާއި ލޭބަރ ޕާޓީ ގެ ތާއީދު ރައްޔިތުންގެ މެދުގައި އޮތީ ދާދިއެއްވަރެއްގައިކަން ޚިޔާލު ހޯދުމުގެ އެންމެ ފަހުގެ ސާވޭތަކުން ވަނީ ދައްކައިފަ އެވެ. އަދި ތިންވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާ ލެބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ބޮޑުވާކަންވެސް ވަނީ ހާމަވެފައެވެ.

އާންމު ޚިޔާލު ހޯދުމުގެ ސާވޭތައް ކުރާ މުއައްސަސާއެއްކަމަށްވާ އައިސީއެމް އިން ބުނީ ކޮންޒަވެޓިވް ޕާޓީއާއި ލޭބަރ ޕާޓީ އަށްވެސް އޮތީ 35 އިންސައްތައިގެ ތާއީދެއްކަމުގައެވެ. މިވަރުގެ ތާއީދަކާއެކު ކޯލިޝަނަކާ ނުލައި މިދެޕާޓީން ކުރެ އެއްވެސް ޕާޓީއަކަށް ވެރިކަމެއް ނުކުރެވޭނެއެވެ. ޑޭވިޑް ކެމެރޮންގެ މިހާރުގެ ސަރުކާރަކީ 2010 ވަނަ އަހަރު އުފެއްދި ކޯލިޝަން ސަރުކާރެކެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އިނގިރޭސިވިލާތުގައި އުފެއްދި ފުރަތަމަ ކޯލިޝަން ސަރުކާރެވެ. ކޯލިޝަން ސަރުކާރެއް އުފައްދަންޖެހެނީ އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގައި އަޣްލަބިއްޔަތު ލިބޭވަރަށް ރައްޔިތުންގެ ތާއީދު އެއްވެސް ޕާޓީއަކަށް ނެތުމުންނެވެ. މިއީ އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުން ތިބީ ސިޔާސީ ބޮޑު ދެޕާޓީ ކަމަށްވާ ކޮންޒަވެޓިވް ޕާޓީ އާއި ލޭބަރ ޕާޓީގެ ވަރަށް ބޮޑަށް ފޫހުވެފައިކަން ހާމަވެގެންދާކަމެކެވެ.

35 އިންސައްތައިގެ ތާއީދަކާއެކު ބޮޑު ދެ ޕާޓީގެ ތާއީދު އެއްވަރުވެފައިވާއިރު ކުރިހޯދާނީ ކޮންޕާޓީއެއްކަން ވަނީ ނޭންގުމެއްގެ ތެރޭގައެވެ. ކޮންޒަވެޓިވް ޕާޓީގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ އިގްތިސާދު ރަނގަނޅު ކުރުމުގައި ނާކާމިޔާބު ވުމުގެ އިތުރުން ތަކެތީގެ އަގުތައްވެސް މައްޗަށްގޮސް އެއާއެއްހަމައެއްގައި އާމްދަނީ ލިބެމުން ނުދިޔުމުގެ ސަބަބުން އާންމުންގެ ގިނަބަޔަކު ވަނީ އެޕާޓީއަށްކުރިން ކުރި ތާއީދު ދޫކޮށްލާފައެވެ.
މިއިންތިޚާބު ކޮންޒަވެޓިވް ޕާޓީއަށް ކާމިޔާބު ކުރެވިއްޖެނަމަ އިނގިރޭސި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ މިހާރުގެވެސް ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއެވެ. ލޭބަރ ޕާޓީއަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އެޕާޓީގެ ޒައީމް އިޑް މެލިބެންޑެވެ.

އިނގިރޭސި ޕާލަމެންޓް ނުވަތަ ހައުސް އޮފް ކޮމަންސް އަށް އިންތިޚާބު ކުރަނީ 650 މެންބަރުންނެވެ. މިމެންބަރުން އިންތިޚާބު ކުރަނީ 650 ދާއިރާއިންނެވެ. އެއީ ކޮންމެ ދާއިރާއަކުން މެންބަރެކެވެ. މީގެތެރޭގައި ހިމެނެނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ހިމެނޭ އިންގްލެންޑްގެ 533 ދާއިރާއަކާއި ސްކޮޓްލޭންޑްގެ 59 ދާއިރާއަކާ ވޭލްޒްގެ 40 ދާއިރާއަކާ އަދި އުތުރު އަޔަލޭންޑްގެ 18 ދާއިރާއެކެވެ. އާބާދީ މުސްކުޅި ވަމުން ދިޔުމާއެކު ސިނާއީ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުންނާއި ތެލާއި މަޢުދަންތައްފަދަ ގުދްރަތީ ވަސީލަތްތައް މަދުވަމުން ދިޔުމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އިނގިރޭސިވިލާތަށްވަނީ އިގްތިސާދީ ދަތިތަކާ ވަރަށް ބޮޑަށް ކުރިމަތިލާންޖެހިފައެވެ. އަދި ޚަރަދު ކުޑަކުރުމަށް ކޮންޒަވެޓިވް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް ބަރުވަމުންދާތީ ރައްޔިތުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

އިނގިރޭސިވިލާތަކީ ދުނިޔޭގެ ފަސްވަނަ އިގްތިސާދެވެ. ޔޫރަޕްގެ ތިންވަނަ އިގްތިސާދެވެ. ގައުމީ އުފެއްދުންތެރިކަމުގެ މިންވަރަކީ ގާތްގަނޑަކަށް 2.6 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ގައުމީ އުފެއްދުންތެރިކަމުން ބޮލަކަށްޖެހޭ ނިސްބަތަކީ (ޖީޑީޕީ ޕާކެޕިޓާ އަކީ) އަހަރަކު 39 ހާސް އެމެރިކާ ޑޮލަރެވެ. މިއީ ދުނިޔެއަށް ބަލާއިރު 26 ވަނަ އެވެ. ގަތަރުފަދަ މުއްސަނދި ގައުމުތަކުގައި ބޮލަކަށް އަހަރަކު ދޮޅު ލައްކަ ޑޮލަރު ޖެހެއެވެ. އަދި ޔޫރަޕްގައިވެސް ބޮލަކަށް އަހަރަކު 92 ހާސް ޑޮލަރު ޖެހޭ ގައުމުތައް ވެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު