ހުޅުމާލޭގައި "ޝޫޓިން ރޭންޖް" އެއް ގާއިމް ކުރަނީ

ހުޅުމާލޭ ޔޫތު ސިޓީގައި "ޝޫޓިން ރޭންޖް" ތަރައްގީ ކުރުމަށްޓަކައި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ބިން ހަވާލު ކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޝޫޓިން އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޒާހިރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، މިއަދު ހަވާލު ކުރެވުނު ބިމަކީ މިހާރު ހުޅުމާލޭގައި އަޅަމުންދާ ސްޕޯޓްސް އެރީނާ ކައިރީ އޮތް ބިމެއް ކަމަށާއި އެތަން ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ ޝޫޓިން އެސޯސިއޭޝަންގެ ފަރާތުން ކަމަށެވެ.

ޖުމްލަ 35 ހާސް އަކަފޫޓުގެ ބިމެއްގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ޝޫޓިން ރޭންޖުގެ ސަބަބުން އެ ކުޅިވަރަށް ޝައުގުވެރިކަން ދޭ ފަރާތްތަކަށް އެ ދާއިރާއިން ކުރިއަށް ދިޔުމަށް އިތުރު ފުރުސަތުތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝޫޓިން އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ، އެ ކުޅިވަރަށްޓަކައި ހާއްސަތަނެއްް ގާއިމް ކުރެވިގެން ދިއުމަކީ، އެ ކުޅިވަރަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

comment ކޮމެންޓް