ވިކްޓަރީ އަތުން ބަލިވެ ބީޖީ ތާވަލްގެ ތިންވަނައަށް

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ވިކްޓްރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން ---- ސަން ފޮޓޯ/ އަލީ ނަސީރު

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި މިއަދު 1-0 ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ބަލިވެ، ބީޖީ ސްޕޯޓްސް ކްލަބް ލީގު ތާވަލްގެ ތިންވަނައަށް ވެއްޓިއްޖެ އެވެ.

ލީގުގައި މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި ބީޖީ މީގެ ކުރިން އޮތީ ތިން ޕޮއިންޓާއި ފައިދާ ތިން ލަނޑާ އެކު ތާވަލްގެ އެއްވަނައިގައެވެ. ނަމަވެސް މިއަދުގެ މެޗުން ބަލިވުމުން، މިހާތަނަށް ލީގުގައި އެއް މެޗު ކުޅުނު ނިއުރޭޑިއެންޓާއި ޓީސީ ތާވަލްގައި ބީޖީއަށް ވުރެ ކުރިއަށް ޖެހިލާފައި ވަނީ ލަނޑުގެ ތަފާތުންނެވެ.

މިއަދުގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ވިކްޓަރީ ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ 25 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ޝޮޓު ބީޖީ ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން އެ ޓީމްގެ މުހައްމަދު ތަސްނީމް އެވެ.

މެޗު ފެށިތާ ފުރަތަމަކޮޅު ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ފުރަތަމަ ވަގުތުކޮޅު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، އެ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ ވިކްޓަރީ އެވެ.

މެޗުގައި ލިބުނު ލީޑާއެކު ވިކްޓަރީ ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް، ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އަދި ހާފްގެ ފަހުކޮޅު އެ ޓީމްގެ ބިދޭސީ ފޯވާޑް ގްޑްފްރޭ ވެސްޓް އަށް ދެ ތިން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް، އޭނާއަށް ވަނީ އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފު، ވިކްޓްރީ ފެށީ ރަނގަޅު ދެ ހަމަލާއަކާއެކު އެވެ. ނަމަވެސް އެ ހާފްގައި ބީޖީ ވަނީ ކުޅުން ރަނގަޅުކޮށް، ކައުންޓާތަކުގައި ވިކްޓަރީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން 59 ވަނަ މިނެޓުގައި ބީޖީގެ އަބްދުﷲ މުއާޒް (އޮޓޯ)ގެ ބާރު ޝޮޓެއް ވިކްޓަރީގެ ކީޕަރު ތޮލާލް ދިފާއުކުރަން ޖެހުނުއިރު، އޭގެ މިނެޓެއް ފަހުން ބީޖީގެ އިބްރާހިމް ޝިޔާމް (ދޮނާ) ފޮނުވާލި ހަމަލާ އަމާޒުވީ ވިކްޓްރީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފްގައި ވިކްޓަރީއަށް ލީޑު ފުޅާކޮށްލަން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، 71 ވަނަ މިނެޓުގައި އެ ޓީމްގެ ތަސްނީމް ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ބީޖީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އަދި މެޗު ފަހު ވަގުތުކޮޅު ދެ ޓީމަށްވެސް މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައި ނުވިނަމަވެސް، ވިކްޓަރީ ވަނީ ފަހުވަގުތާ ޖެހެންދެންވެސް އެ ޓީމްގެ ލީޑު ދަމަހައްޓާފައެވެ.

comment ކޮމެންޓް