ވީޓީވީއާ ދެކޮޅަށް އަމިއްލަ ފަރާތަކުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އަމިއްލަ ފަރާތަކުން ވީޓީވީއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވަނީ ރޭގެ އަށެއްގެ ހަބަރުގައި ހިމެނުނު ކޮންޓެންޓަކާ ގުޅިގެންނެވެ.
އެ ފަރާތުން މައްސަަލަ ހުށަހަޅާފައިވަނީ މޭޑޭ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި މީހުންގެ ތެރެއިން ސ. ހިތަދޫ، ލިއޯން، އަނީލް މުފީދު، ގާޒީއާ މުހާތަބު ކޮށް ބުނި ބަސް، އޭނާ ބުނިގޮތް ނޫންގޮތަށް ހަބަރުގައި ގެނެސްދީފައި ވާކަމަށް ބުނެއެވެ.
އެ މައްސަލައިގައި އަނީލް، ގާޒީއާ ދިމާލަށް ބުނެފައިވަނީ "ޝުކުރިއްޔާ ތި ދެއްވި ރީލޯޑަށް" މިހެންނެވެ. ނަމަވެސް ވީޓީވީގެ ހަބަރުގައި ކިޔާފައި ވަނީ، އެމީހާ ގާޒީއާ ދިމާއަށް ބުނެފައިވަނީ ހަމަ އެކަނި "ޝުކުރިއްޔާ" ކަމަށެވެ.
އެ މައްސަލަ ހުށަހެޅި މީހާ ވަނީ، އެ މައްސަލައާއެކު އަނީލް މުފީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ކޮޕީއެއް ވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފައެވެ.